Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

މަންމަގެ ރަށުގައި އަލީ ރަމީޒު އަލަށް ހުކުރުކޮށްފި!

ރާއްޖޭގެ ކުރީގެ މިއުޒިކީ ފަންނާނު އަލީ ރަމީޒު ފުރަތަމަ ފަހަރަށް މިއަދު އޭނަގެ މަންމަގެ އުފަން ރަށް، ހދ. ކުރިނބީގައި އިމާމުވެ ހުކުރުކޮށްފި އެވެ.

އޭނަ މިއަދު އިމާމުގެ ހުކުރު ކުރީ އެ ރަށުގެ މަސްޖިދުލް އީސާކަ ލޭގެފާނުގަ އެވެ. މިކަމާ ބެހޭ ގޮތުން އަލީ ރަމީޒު މިރޭ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ މިއީ މީހުން އުޅޭ ރަށެއްގައި އޭނަ އިމާމުވެ ހުކުރުކުރި ފުރަތަމަ ފަހަރު ކަމަށާއި މިކަމުން ލިބުނު އެންމެ ބޮޑު އުފަލަަކީ މިކަން ކުރުމުގެ ފުރުސަރު މަންމަގެ އުފަން ރަށުގައި ލިބުމުން ކަމަށެވެ.

"އަޅުގަނޑުގެ މަންމަގެ އުފަން ރަށުގައި ހުކުރު ކުރަން ލިބުމަކީ ބުނަން ވެސް ނޭނގޭ ފަދަ އުފަލެއް ލިބިގެން ދިޔަ ކަމެއް،"ޕޯސްޓްގައި އަލީ ރަމީޒު ބުންޏެވެ. "އަލްހަމްދުއްލިއްލާހި."

އޭނަގެ ޕޯސްޓްގައި މި ފުރުސަތު ފަހިކޮށްދެެއްވި ކަމަށްޓަކައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި ގާތް އެކުވެރިއެއް ކަމަށްވާ އަބްދުﷲ ރަޝީދުގެ އިތުރުން އެހީތެރިކަމާއި އެއްބާރުލުން ދިން އެންމެންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

މަންމަގެ އުފަން ރަށް، ކުރިނބީގައި ހުކުރު ކުރުމުގެ ފުރުސަތު އަލީ ރަމީޒަށް މިއަދު ލިބިގެން ދިޔަ އިރު، އެ ރަށަށް އިއްޔެ އޭނަ ފުރުމުގެ ކުރިން މި ދަތުރަކީ މަންމަގެ ރަށަށް އަލަށް ކުރާ ދަތުރު ކަމަށް ވެސް ބުނެފައިވެ އެވެ.

މިއުޒިކީ މަސައްކަތްތަކާ މުޅިން ދުރުވި ފަހުން އަލީ ރަމީޒު، 52، މިހާރު ފާހަގަކުރެވެނީ އިސްލާމީ ދީނަށް ހޭލުންތެރިކަން އުފެއްދުމާއި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ދީނީ ކަންކަމަށް ޒުވާނުން އަހުލުވެރި ކުރުވަން މަސައްކަތްކުރާ މީހެއްގެ ގޮތުގަ އެވެ. ރާއްޖޭގެ މަޝްހޫރު ޖަމިއްޔާއެއް ކަމަށްވާ ސަލަފަކީ އަލީ ރަމީޒް ހިއްސާވާ ޖަމިއްޔާއެކެވެ. ދީނީ ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ "ދާރިސް" ޓީވީ އަކީ ވެސް އަލީ ރަމީޒުގެ ހިއްސާ އޮންނަ ޗެނަލެކެވެ.