އައްޑޫ ސިޓީގައި ހުރި އިންޖީނުގެތައް ކައުންސިލަށް ނެގުމަށް އެ ކައުންސިލްގެ ފަރާތުން ނިންމައިފި އެވެ.
ކައުންސިލްގެ ފަރާތުން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ހުށަހެޅުއްވި ކުއްލި މައްސަލައަކަށް ބަހުސް ކުރެއްވުމަށްފަހުއެވެ.
މިއަހަރު ބޭއްވުނު ކައުންސިލްގެ 14 ވަނަ ބައްދަލުވުމުގައި ފާސްކުރި ކަންތައްތަކުގެ ތެރޭގައި، އިންޖީނުގެތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން ހިމެނޭ ކަމަށް އައްޑޫ ލައިވް އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް ބޭރުގެ ފަރާތްތަކުން ހަދިޔާކޮށްފައިވާ އިންޖީނުގެ ތަކާއި، އެކިއެކި ވަސީލަތްތައް ކައުންސިލަށް ލިބިގަތުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ފާސްކޮށްފައި ވާއިރު ކަރަންޓަކީ އަސާސީ ޚިދުމަތަކަށް ވާތީ، އެ ޚިދުމަތުން އެއްވެސް ފަރާތެއް މަހްރޫމްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްކަމަށް ނުވާތީ، ކަރަންޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ޝަރުއީ މަރުހަލާގެތެރެއިން ހައްލުހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނަށް ވުރެ އަގު ހެޔޮކޮށް، ކަރަންޓް ދޭނެ ބަޔަކު ހޯދަން އިއުލާން ކުރަން ކައުންސިލުން ނިންމާފައި ވާއިރު އެ ކުންފުންޏަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގާގޮތަށް ވެސް ވަނީ ނިންމައިފައެވެ.
އަދި މިދިޔަ މަހުގެ ކަރަންޓް ބިލް ނުދެއްކުމަށް ވިޔަފާވެރިންނަށް އެންގުމަށް ވެސް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ކައުންސިލްގެ ނިންމުމުގައި ވަނީ އެގޮތަށް ނިންމާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 42 ވަނަ މާއްދާގެ (ބ) އިން އައްޑޫސިޓީ ކައުންސިލަށް ލިބިދޭ ބާރާއި އިޚުތިޔާރުގެ ދަށުން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ ވިޔަފާރިވެރިންނަށް ސަރުކާރުން ދެމުންދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން އައްޑޫ ސިޓީގެ ވިޔަފާރިވެރިން އެކަމާ ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.