Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ޓެލެގްރާމް ޔޫޒަރުންގެ އަދަދު 900 މިލިއަނަށް

އެކްޓިވްކޮށް ޓެލެގްރާމްް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 900 މިލިއަނަށް އަރާފައިވާ ކަމަށް ބުނެފި އެވެ.

މިހާރުގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓެލެގްރާމްގެ ބާނީން ކަމަށްވާ ދެބެއިން ނިކޮލާއީ ޑްރޯވް އާއި ޕަވެލް ޑްރޯވް އެމެރިކާގެ ޓޯކް ޝޯއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ޓެލެގްރާމް ބޭނުންކުރާ މީހުން މިހާރު ވަރަށް ބާރަށް އިތުރުވަމުން އަންނަ ކަމަށެވެ.

"މީތި މިހާރު ވަރަށް ބޮޑަށް އެބަ ފެތުރޭ. ޖަންގެއްޔެއްގައި އަލިފާން ފެތުރޭހެން ޓެލެގްރާމްގެ މަގުބޫލުކަން އަންނަނީ ވަރަށް ގިނަ ހިސާބުތަކަށް ފެތުރެމުން. މިހާރު އެވްރެޖްކޮށް ދުވާލެއްގެ ތެރޭގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ޓެލެގްރާމަށް ސައިންއަޕް އެބަކުރޭ،" މީގެ ސީއީއޯގެ މަގާމުގައި ހުންނެވި ޕަވެލް ވިދާޅުވި އެވެ. "އޭގައި ވަރަށް ގިނަ ސަބަބުތަކެއް ވެސް އެބަހުރި."

އޭނަ ވިދާޅުވީ ކުރީގެ ޓްވިޓާ މިހާރުގެ އެކްސް ފަދަ ޕްލެޓްފޯމްތައް ދޫކޮށްލައި ވަރަށް ގިނަ ބަޔަކު ޓެލެގްރާމަށް ހިޖުރަކުރާ މައިގަނޑު ސަބަބަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެ ޕްލެޓްފޯމްގައި މާ ބޮޑަށް ފަހިވެފައި އޮތުން ކަމަށެވެ.

"މީގައި އޮތް ފްރީޑަމާއި ޕްރައިވެސީ އަކީ ޓެލެގްރާމްގެ ދެކެ އެހާ ގިނަ ބަޔަކު ލޯބިވުމުގެ މައިގަނޑު ސަބަބުތަކަކީ،" ޕަވެލް ވިދާޅުވި އެވެ. "އެހެންވެ މީގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަނީ."

ދުބާއީގައި ހެޑްކުއާޓަރު ހުންނަ ޓެލެގްރާމް ވުޖޫދަށް އައީ މީގެ 10 އަހަރު ކުރިން އޮގަސްޓް 14، 2013 ގަ އެވެ. ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މީގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ.

އޭގެ ފަހުން ޓެލެގްރާމް އަންނަނީ އަހަރު އަހަރަށް ކުރިއެރުންތައް ހޯދަމުންނެވެ.