Last Updated: May 18, 14:45
Saturday, May 18, 2024
ޚަބަރު

ކެމްޕޭނަށް ސަރުކާރުން 100 މިލިއަން ހޭދަކޮށްފި

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މިހާތަނަށް ސަރުކާރުން 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގެ ކެމްޕޭން ނިންމައިލަން އިއްޔެ ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗްގައި ވާހަކަ ދައްކަމުން އެ މަނިކުފާނު ވިދާޅުވީ މަޖިލިސް ކެމްޕެއިންނަށް ދައުލަތުގެ މާލިއްޔަތުން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ މި ސަރުކާރަށް ފަސް މަސް ވީ އިރު ސަރުކާރު ހިނގަމުންދާގޮ ތުގެ މައުލޫމާތު ރައްޔިތުންނަށް ސިއްރުކުރަމުން ދާ ކަމަށާއި ފާއިތުވި ތިން ހަފުތާގެ ތެރޭގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މުއާމަލާތެއް ހާމަކޮށްފައި ވެސް ނުވާ ކަމަށެވެ.

"އެނގޭ ކަމަކީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފިކަން. މީގެ ތިން ހަފުތާ ކުރިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މުސާރައަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްފި މިދިޔަ އަހަރުގެ ތިން މަހާ ބަލާއިރު." ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ބޭފުޅުން ކެމްޕޭން ދަތުރުތަކަށް ދައުލަތުގެ ފައިސާއިން 100 މިލިއަަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަ މަށެވެ. އަދި އެކަންކަން ހަމައަކަށް އަޅުވައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފި ނަމަ އެ ދެވެނީ ތަރައްގީ އާއި އިދިކޮޅަށް ދެވޭ ވޯޓެއް. މަޝްރޫއުތައް ހުއްޓުވުމަށް ދެވޭ ވޯޓެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. "ފުލެޓުތައް އެ މީހުން ބޭނުން ގޮތަކަށް ބަހައިލަން ދެވޭ ވޯޓެއް. ގޯތިތަކުގެ ލިސްޓަށް ބަދަލުގެންނަން ދެވޭ ވޯޓެއް."

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މިހާތަނަށް ރައީސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރު ކުރައްވާފައިވެ އެވެ. އަދި ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށާއި އެކަން އެހެން ނުވެއްޖެ ނަމަ ރާއްޖޭގެ ތަރައްގީ ވެސް ހުއްޓޭނެ ކަމަށެވެ. އަދި އިދިކޮޅުން ސަރުކާރު ވައްޓައިލަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު އޮންނާނީ މާދަމާ އެވެ. ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. އިންތިހާބުގައި 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.