ފިލްމުތަކުން ފުރުސަތުތައް ލިބޭލެއް ކުޑަ ކަމަށާއި އޭގެ ސަބަބުން މީހާގެ ހަގީގީ ހުނަރު ވެސް ދައްކައިލަން ހުރަސް އެޅިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމު "ޗަމްކީލާ" އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބާ މެދު ވަރަށް އުފަލުން ހުރި ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކެރިއަރުގައި އެންމެ ބޮޑު އުފާވެރި ކަމެއް ވެސް ގެނެސްދިން ފިލްމަކީ އެއީ ކަމަށެވެ. އެގޮތުން ޑައިރެކްޓަރު އިމްތިއާޒް އަލީއާ އެކީ މަސައްކަތް ކުރަން ލިބުމާއި އެކްޓަރު ދިލްޖީދު ދޮސަންޖާ އެކީ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށް ޕަރިނީތީ ބުންޏެވެ.
"ޗަމްކީލާ" ގައި ޕަރިނީތީ އާއި ދިލްޖީތު ކުޅުނީ ޕަންޖާބްގެ ކުރީގެ މަޝްހޫރު މިއުޒިކީ ދެމަފިރިން ކަމަށްވާ އަމަރު ސިންގް ޗަމްކީލާ އާއި އަމަރުޖޯތު ކޯރްގެ ރޯލެވެ. މި ފިލްމު ޕަރިނީތީ ކުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ރަންބީރް ކަޕޫރްގެ "އެނިމަލް" ދޫކޮށްލުމަށް ފަހު އެެވެ.
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީ ބުނީ އޭނަގެ އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކެރިއަރު ހަލާކުވާން އުޅެނީ ކަމަށް ބުނި ކަމަށެވެ. އެކަމަކު "ޗަމްކީލާ" ވަރުގެ ފިލްމެއް މިހާތަނަށް ކުޅެން ނުލިބޭ ކަމަށް ބުންޏެވެ.
ޕަރިނީތީ ބުނި ގޮތުގައި ބޮލީވުޑްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ވަކި ކޭމްޕަކަށް ނިސްބަތްވުމާއި ފެވަރިޓިޒަމް ފަދަ ކަންކަމުގެ ނުފޫޒު ބޮޑުވުމެވެ. އެހެންވެ އެފަދަ ގޮތަކަށް މީހާ ބައްޓަންވެގެން ނޫނީ ކުރިއަށް ދާން ރަނގަޅު ފުރުސަތުތައް ލިބެން ހުރަކަށްވާ ކަމަށް ބުންޏެވެ.
"އެކަމަކު އަހަންނަކީ އެއްވެސް އިރެއްގައި ފުރުސަތުތައް ހޯދުމުގެ ބޭނުމުގައި އުޅޭ މީހެއް ނޫން. އެހެންވެ ބޮލީވުޑްގެ މީހުންނާ އެކީ ޕާޓީ ވެސް ކުރާ މީހެއް ނޫން އަހަންނަކީ،" އިންޑިއާގެ ސިޔާސީ ދާއިރާގެ މީހެއް ކަމަށްވާ ރާގަވް ޗައްޑާއާ މިދިޔަ އަހަރު ކައިވެނި ކުރި ބަތަލާ ބުންޏެވެ. "އަނެއްކާ އަހަންނަކީ މާ ބޮޑު ޕީއާރް ޓީމެއް އޮންނަ މީހެއް ވެސް ނޫން."
ޕަރިނީތީ ބުނި ގޮތުގައި ފުރުސަތުތަކީ މީހާގެ ހުނަރާއި ގާބިލު ކަމަށް ބަލައިފައި ލިބެން ޖެހޭ އެއްޗެކެވެ. އެކަމަކު ބޮލީވުޑްގައި ކަން ހިނގާ އާންމު އުސޫލަކީ އެއީ ނޫން ކަމަށެވެ.
"އޭގެ ސަބަބުން އަހަރެން ކަހަލަ އެތައް ބަޔަކަށް އެ މީހުންގެ ހަގީގީ ޕޮޓެންޝަލް ދައްކާލަން ހުރަސް އެޅޭ." އޭނަ ބުންޏެވެ.
ޕަރިނީތީ، 35، ބޮލީވުޑަށް ނުކުތީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިންނެވެ. އޭނަގެ ކެރިއަރުގައި މިހާތަނަށް މާ ހާއްސަ ފިލްމެއް ކުޅެވިފައެއް ނެތެވެ. އަދި އިންޑަސްޓްރީގެ އެންމެ ނަން ހިނގާ ޑައިރެކްޓަރުންނާ އެކީ މަސައްކަތް ކުރަން ފުރުސަތެއް ވެސް ނުލިބެ އެވެ.
ނެޓްފްލިކްސްގައި ރިލީޒްކުރި "ޗަމްކީލާ" އަށް ބެލުންތެރިން ދެމުން އަންނަ ލޯތްބާ ގުޅިގެން ޕަރިނީތީ އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ އުފާ ވަރަށް ބޮޑަށް ހިއްސާކުރަމުންނެވެ. ބަތަލާއެއްގެ އިތުރުން ޕަރިނީތީ އަކީ މިހާރު ޕްރޮފެޝަނަލް މިއުޒިޝަނެކެވެ. އޭނަ އަންނަނީ މިހާރު މިއުޒިކް ޓުއާތައް ވެސް ބާއްވަމުންނެވެ.