Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޕްރޮމޯޝަން!

މާދަމާ ރައްޔިތުމްގެ މަޖިލިސް އިންތިހާބު ބާއްވާ އިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް ޕްްރޮމޯޝަން ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލަ އޭސީސީން ވެސް މިހާރު ވަނީ ހުއްޓުވައިފަ އެވެ. މިފްކޯ އިން ޕްރޮމޯޝަން ދީފައި ވަނީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން އެ ދެ ތަނުން 100 އަށް ވުރެ ގިނަ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވެ އެވެ.

އަދި އެކަން މިހާރު އޭސީސީން އަންނަނީ ބަލަމުންނެވެ.

މިފްކޯގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އިން ވެސް 500 އަށް ވުރެ ގިނަ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށް އެނގިފައިވެ އެވެ. އިންތިހާބަށް "ނުފޫޒު ފޯރުވަން" މުވައްޒަފުންނަށް މިދިޔަ ހަފުތާގެ ތެރޭގައި ޕްރޮމޯޝަން ދިން ކަމަށް އެނގިފައިވާ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އާއި ސްޓެލްކޯ އިތުރުން ފެނަކަ ހިމެނެ އެވެ.

އެ ކުންފުނިތަކުން ވެސް 60-100 އެއްހާ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވެ އެވެ.

ނަމަވެސް ފެނަކައިން ވަނީ އިންތިހާބާ ދިމާކޮށް އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އިތުރު މުވައްޒަފުންތަކެއް ވެސް ނުނަގާ ކަމަށް ބުނެފަ އެވެ.