Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ސަރުކާރަށް ދުއްޕާންކުރާ ބަޔަކު ބޭނުމެއް ނުވޭ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް ދުއްޕާން ކުރާ ބަޔަކު ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ތަރައްގީ ގެންނަން އެއްބާރުލުން ދޭނެ މެމްބަރުން ކަމަށް ޕީއެންސީގެ ޓިކެޓްގައި ހުޅުދު އަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

މާލޭގައި އުޅޭ އައްޑޫ މީހުންނާ އެކީ ރޭ ބޭއްވި ކެމްޕޭން އިވެންޓެއްގައި، ކުރިން ވެސް ހުޅުދޫ މެންބަރުކަން ކުރެއްވި ޝާޑު ވިދާޅުވީ އޭނަ މަޖިލީހަށް ކުރިމަތިލެއްވީ ސަރުކާރާ ގުޅިިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށާއި ސަރުކާރަށް ކަންތައްތައް ފަސޭހަކޮށް ދިނުމަށް މަގުފަހިކޮށް ދެއްވަން ކަމަށެވެ.

"ސަރުކާރާ ނުގުޅި، ސަރުކާރަށް ބޭނުންވާ ކަންތައްތައް ކޮށްނުދޭ، ސަރުކާރާ ގުޅުން ނެތް، ސަރުކާރަށް ދުއްޕާންކުރާ ބަޔަކު މަޖިލީހަށް އައިސްގެން މިކަން ކުރެވޭކަން ނެތް." އޭނަ ވިދާޅުވި އެވެ.

ޝާޑު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިހްލާސްތެރި ސަރުކާރެއް ކަމަށާއި ވެފައިވާ ހުރިހާ ވައުދުތަކެއް ވެސް ސަރޔުކާރުން ފުއްދާނެ ކަމަށެވެ. އެހެންވެ އައްޑޫގެ ރައްޔިތުންގެ ކުރިއެރުމާއި ލާބަ އަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

"ރައީސަކީ ރައްޔިތުންގެ އިތުބާރު ހޯއްދަވާފައި ކަންކަން ކުރެއްވޭނެ ހަމައެކަނި ބޭފުޅާ. ރައީސަކީ ހެޔޮލަފާ އަހުލާގު ރަނގަޅު ކެތްތެރި ބޭފުޅެއް،" ޝާޑު ވިދާޅުވި އެވެ. "ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ގާބިލްކަން ރައީސްގެ ގައިގައި އެބަ ހުންނެވި."

އޭނަ ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުން ފަހުރުވެރިވުން ހައްގު ލީޑަރެއް ކަމަށެވެ.