Last Updated: July 21, 18:02
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ސިކަންދަރު" އަށް ފަހު "ބަޖިރަންގީ ބައިޖާން 2"

އަންނަ މަހު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމު "ސިކަންދަރު" އަށް ފަހު ސަލްމާން ޚާން ދެން ކުޅޭނީ "ބަޖުރަންގީ ބައިޖާން 2" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު އޮތީ ނިމިފައި ކަމަށެވެ. "ބަޖުރަންގީ ބައިޖާން" އަކީ "ބާހްބަލީ" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖެޔަންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ޑައިރެކްޓަރު ކަބީރު ޚާން 2015 ގައި ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގައި ދައްކުވައި ދެނީ ޕާކިސްތާންގެ އަންހެނަކު އޭނަގެ މަންމަން، ކުޑަ އަންހެން ދަރިފުޅާ އެކީ އިންޑިއާ އަށް ދާން ރޭލަށް އެރުމަށް ފަހު، ރޭލު ފޭބުމުން އޭނައާ ނުލައި އެ ދަތުރުގައި ކުއްޖާ އަށް އެ ގައުމަށް ދެވުމުން ކުއްޖާ އަނބުރާ އަލުން އާއިލާއާ ހަވާލުކުރަން އިންޑިއާ މީހަކު ކުރާ ވަރަށް ޖަޒުބާތީ މަސައްކަތަކެވެ.

"ބަޖުރަންގީ ބައިޖާން" ގައި ސަލްމާނާ އެކީ ކުޑަކުއްޖާގެ ރޯލު ކުޅުނީ މިހާރު 15 އަހަރުގެ ހަރްޝާލީ މަލްއުތުރާ އެވެ. އަދި ފިލްމުގެ ރޯލެއް ކަރީނާ ކަޕޫރް ވެސް ކުޅުނެވެ.

"ބަޖުރަންގީ ބައިޖާން" ގެ ދެވަނަ ބައި ހަދަން ވާހަކަ ދެކެވޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެ އެވެ. ނަމަވެސް ކަބީރު ވަނީ ސީކްއެލްތަކަށް އޭނަގެ ޝައުގެއް ނެތް ކަމަށް ބުނެފަ އެވެ. އެހެންވެ "ބަޖުރަންގީ ބައިޖާން 2" ޑައިރެކްޓްކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ސަލްމާނާ އެކީ ކަބީރު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2012 "އޭކް ތަ ޓައިގާ" އާއި 2017 ގެ "ޓިއުބްލައިޓް" ހިމެނެ އެވެ. ކަބީރްގެ ކުރިއަށް އޮތް ފިލްމަކީ ޖޫންގައި ކާތިކް އާރިއަނާ އެކީ ގެނެސްދޭ "ޗަންދޫ ޗެމްޕިއަން" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގް ކުޅުނު 2021 ގެ "83" އެވެ.

"ސިކަންދަރު" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، ސަލްމާން އިއްޔެ ރޭ ވަނީ ދުބާއީ އަށް ފުރައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ފުރަތަމަ ޝެޑިއުލް ކުރިއަށް ގެންދާނީ އެތަނުގަ އެވެ. "ސިކަންދަރު" ގެ ޑައިރެކްޓަރަކީ އާމިރު ޚާންގެ 2008 ގެ "ގަޖްނީ" ގެނެސްދިން އޭއާރް މުރްގަދޯސް އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ "ސިކަންދަރު" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓައިގާ 3" އެވެ.