Last Updated: May 6, 12:13
Monday, May 6, 2024
ދުނިޔެ

އުމުރުން 5-7 އަހަރުގައި ސްމާޓްފޯނެއް!

އިނގިރޭސިވިލާތުގެ އުމުރުން 5-7 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން ހަތަރު ބައިކުޅަ އެއް ބަޔަކީ މިހާރު އަމިއްލަ ސްމާޓްފޯނެއް އޮންނަ ކުދިން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކުޑަކުދިން ފޯނު ގެންގުޅޭ މިންވަރާއި އޭގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން އޮފްކޮމް އިން ހެދި ދިރާސާ ރިޕޯޓެއްގައި ބުނީ އަހަރުން އަހަރަށް ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންގެ އަދަދު ވެސް އިތުރުވަމުންދާ އިރު، ބޭނުންކުރާ އުމުރުފުރާ ވެސް ދަށްވަމުންދާ ކަމަށެވެ.

އެހެންވެ މިކަމަށް ރިއާޔަތްކޮށް މުވާސަލަތީ ރެގިއުލޭޓަރުން ވެސް ވަނީ މައިނބަފައިންނާއި ބެލެނިވެރިން ވަރަށް ބޮޑަށް ލޯ ހުޅުވައި ސަމާލުވާން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ. އެހެން ނޫނީ މިކަމުގެ ނަތީޖާ ވަރަށް ގޯސްވެދާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އޮފްކޮމްގެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި 2022 އާ އަޅާބަލާ އިރު މިދިޔަ އަހަރު އިނގިރޭސިވިލާތުގެ އުމުރުން 5-7 އަހަރާ ދެމެދު ކުދިންގެ ތެރެއިން މެސެޖިން އެޕްތައް ބޭނުންކުރާ ކުދިންގެ ނިސްބަތް މިހާރު ވަނީ 59 ޕަސެންޓުން 65 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ސޯޝަލް މީޑިއާގެ ތަފާތު އެހެން ޕްލެޓްފޯމްތައް ބޭނުންކުރާ ކުދިންގެ ނިސްބަތް ވަނީ 30 ޕަސެންޓުން 38 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އަދި ލައިވްސްޓްރީމިންގައި އުޅޭ ކުދިންގެ ނިސްބަތް 39 ޕަސެންޓުން 50 އަށް އަރާފައިވާ އިރު، އޮންލައިން ގޭމިންގެ ތެރޭގައި އުޅޭ ނިސްބަތް 34 ޕަސެންޓުން 40 އަށް އަރައިފަ އެވެ.

ކުޑަކުދިން އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި އިންސްޓަގްރާމާއި ޓިކްޓޮކާއި ވަޓްސްއަޕް ހިމެނެ އެވެ.

ސޯޝަލް މީޑިއާ ގިނަ ޕްލެޓްފޯމްތައް ހާއްސަކޮށްފައި ވަނީ އުމުރުން 13 އިން މައްޗަށް ކަމަށް ވިޔަސް، އުމުރު އޮޅުވާލައިގެންނާއި އެ ނޫން ވެސް ގޮތްގޮތުން އެކަމަށް މަގުފަހިކުރާ ކުދިން އިތުރުވަމުންދާކަން އޮފްކޮމްގެ ދިރާސާ އިން ދައްކަ އެވެ.

"މިކަމުން ހަގީގަތުގައި މި ދެނީ އިންޒާރުގެ ރަނގަބީލެއް،" އޮފްކޮމްގެ އޮންލައިން ސޭފްޓީ ގްރޫޕުން ވާހަކަ ދެއްކެވި މާކް ބަންޓިން ވިދާޅުވި އެވެ. "އެހެންވެ އެބަޖެހޭ އެންމެން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން."

އޮފްކޮމްގެ ރިޕޯޓާ ގުޅިގެން "ސްމާޓްފޯން ފްރީ ޗައިލްޑްހުޑް" ކެމްޕެއިންގެ ފަރާތުން ވާހަކަ ދެއްކެވި ކްލެއާ ފާނީހޯ ވިދާޅުވީ މިހާރު ކޮންމެ ކުއްޖަކަށް ވެސް ގަބޫލު ކުރެވިފައި އޮންނަނީ ކޮންމެ ކުއްޖެއްގެ އަތުގައި ވެސް ސްމާޓްފޯނެއް އޮންނަން ޖެހޭކަން ކަމަށެވެ. އެހެންވެ މިހާރު މި ފެންނަ ކަންކަމަކީ އޭގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

"މި ޖީލުގައި މިހާރު މިއޮތީ ޓެކްނޮލޮޖީ ވަކި ހިއްޕާލާފައި،" ކްލެއާ ވިދާޅުވި އެވެ. "މީގެ ނަތީޖާ އަކީ މިއީ ނުލައި ނޫޅެވޭނެ ކަމަށް މިހާރު ގަބޫލު ކުރެވިފައި އޮތުން."