Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ބޭރުގެ ބަޔަކާ ގުޅިގެން ހިތަދޫ ޕޯޓް ތަރައްގީ ކުރަނީ

ސަރަހައްދީ ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އައްޑޫ ހިތަދޫ އައްޕޯޓު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ބޭރުގެ ކުންފުނިތަކާ މަޝްވަރާކުރަން ފަށައިފި އެވެ.

މި މަޝްވަރާތަކުގައި އެމްޕީއެލްގެ ސީއީއޯ އެ ކުންފުނީގެ ދަށުން ހިންގަމުން ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕޯޓަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

އެގޮތުން އެންމެ ބޮޑެތި ބޯޓްތަކަށް ބަނދަރު ކުރެވޭ ވަރުގެ ޕޯޓަކަށް ހިތަދޫ ޕޯޓް ހަދަން ޖެހޭ ކަމަށާއި ނަމަވެސް ފާއިތުވި 18 އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް މަސައްކަތްކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޕޯޓު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށް ވަޖީހު ވިދާޅުވި އެވެ.

އޭނަ ހިތަދޫ ޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ތެރެއިން އެތަނުގެ ކީވޯލް އާއި ޓާމިނަލްވެ ސް ބޮޑު ކުރާނެ ކަމަށެވެ. އަދި ޕޯޓުގައި އިންޓަނޭޝަނަލް ފިޝް ހަބެއް ގާއިމުކުރުމުގެ ވިސްނުން ވެސް ގެންގުޅޭތީ ބޭރުގެ ކުންފުނިތަކާ ވާހަކަދައްކައިގެން މިއީ އެކަން ކުރެވިދާނެތޯ ނޫންތޯ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެ ކަމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރާ ކަމަކަށްވާތީވެ އަޅުގަނޑުމެން އެ ވާހަކަ ވެސް މިހާރު ދައްކަމުން އެބަ ގެންދަން ޗައިނާގެ ކުންފުނިތަކާ އެކީގައި،" ވަޖީހު ވިދާޅުވި އެވެ. "އެ މީހުންގެ ފިޝް ހަބްތަކެއް އެބަހުރި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް."

އޭނަ ވިދާޅުވި ގޮތުގައި ހިތަދޫ ޕޯޓު ތަރައްގީ ކުރުމަށް މަޝްވަރާކުރާ ކުންފުނިތަކާ އެކީ ކުރިއަށް އޮތް ދެ މަސްތެރޭ މަޝްވަރާތައް ނިންމާލައި ގޮތެއް ނިންމޭނެ އެވެ. އެއަށް ފަހު ކޮންޓްރެކްޓަރު ފައިނަލް ކުރެވި، ދެ މަސް ފަހުން ބަޔަކާ ބަނދަރު ތަރައްގީ ކުރަން ހަވާލު ކުރެވޭނެ އެވެ.

ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ ވާހަކަތަކެއް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދެކެވި، އެތަން އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އެމްޕީއެލް އިން އެމްޓީސީސީއާ ހަވާލު ވެސް ކުރި އެވެ. އެގޮތުން ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަން ނިންމި އެވެ.

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2، 2021 ގަ އެވެ.

ހިތަދޫ ޕޯޓް ތަރައްގީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ޔައްގޫމްގެ ވެރިކަމުގަ އެވެ.