މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ގައި ކުޅެން ލިބުނީ ވަރަށް ވެސް ވަރުގަދަ ރޯލެއް ކަމަށާއި އެ ރޯލު ބެލުންތެރިންނަށް ވަރަށް ކަމުދާނެކަމުގެ ޔަގީން ކަމަށް އޮތް ކަމަށް ކަރީނާ ކަޕޫރް ބުނެފި އެވެ.
ބީބީސީ އޭޝިއާ ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ބަތަލާ ބުނީ ޑައިރެކްޓަރު ރޯހިތުގެ ޝެޓީގެ މި ފިލްމަކީ ހުރިހާ ރަހަތަކެއް ވަރަށް ހެޔޮވަރު ވާނެ ފިލްމެއް ކަމަށެވެ. އަދި "ސިންގަމް އެގެއިން" ގައި އެންމެ ޖަޒުބާތީކޮށް ފެންނާނީ އަމިއްލަ ކެރެކްޓާ ކަމަށް ކަރީނާ ބުންޏެވެ.
"އެހެންވެ އަހަރެންގެ މުޅިން ތަފާތު ސައިޑެއް މި ފިލްމުން ފެންނާނެ. އެކްޓަރެއްގެ ގޮތުގައި އަހަރެން ބުނާނީ މިއީ ތަފާތުތަކެއް ދައްކުވައި ދޭން ވެސް ލިބުނު ރޯލެކޭ." އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުންޏެވެ.
"ސިންގަމް އެގެއިން" ގައި ކަރީނާ ހިއްސާވާ އިރު، އަޖޭގެ މި ފްރެންޗައިޒްގެ ދެވަނަ ބައި 2014 ގެ "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ވެސް ކަރީނާ އެވެ. އެކަމަކު އެއީ މާ ހާއްސަ ކަމެއް ނެތް އަދި މާ ބޮޑު ރޯލެއް ވެސް ނޫނެވެ.
"ސިންގަމް އެގެއިން" ހާއްސަވާ ސަބަބުތަކުގެ ތެރޭގައި ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެން ދިއުން ހިމެނެ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދްކޯން އާއި ފިރިމީހާ ރަންވީރު ސިންގް އާއި އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ އިތުރުން އަރުޖުން ކަޕޫރް ހިމެނެ އެވެ.
ރަންވީރު ފިލްމުގައި ފެންނާނީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އޭނަ ކުޅުނު "ސިމްބާ" ގެ ކެރެކްޓާއިންނެވެ. އަދި އަކްޝޭ ފެންނާނީ "ސޫރިއަވަންޝީ" ގެ ކެރެކްޓާއިންނެވެ. އެ ދެ ކެރެކްޓާ އަކީ ވެސް ފުލުހުންނެވެ. ދީޕިކާ އަކީ ވެސް "ސިންގަމް އެގެއިން" ގައި ފުލުހެކެވެ.
އަރުޖުން އަކީ ފިލްމުގެ މައި ވިލަން އެވެ.
ކަރީނާ ބުނީ "ސިންގަމް އެގެއިން" ގައި އޮތީ ވަރުގަދަ ކާސްޓެއްކަމުން އެ މީހުންނާ އެކީ ރޯހިތު ވަރަށް އިންސާފުވެރިކޮށް ފިލްމު ގެނެސްދޭނެ ކަމަށެވެ. މި ފިލްމު ރިލީޒްކުރާނީ އޮގަސްޓް 15 ގަ އެވެ.
ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް ހިޓަކަށްވި ހެއިސްޓް ކޮމެޑީ "ކްރޫ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހެންސަލް މެހެތާ ގެނެސްދޭ މިސްޓްރީ ތުރިލާ "ދަ ބަކިންހަމް މާޑާސް" ހިމެނެ އެވެ.