Last Updated: May 18, 15:53
Saturday, May 18, 2024
ޚަބަރު

މަޖިލިސް އިންތިހާބުގެ ވޯޓްލުން ފަށައިފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.

ވޯޓްލާން ފެށީ ހެނދުނު 8:00 ގަ އެވެ. އިލެކްޝަން ކޮމިޝަން އީސީ) އިން ނިންމާފައި އޮތީ ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާ އިރު، މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ އިރު، މި ފަހަރު ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބެހެއްޓީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ. އެ ގައުމުތަކުގައި ވެސް ވޯޓްލުން ކުރިއަށް ގެންދަނީ ރާއްޖޭގައި ވެސް ވޯޓްލާން ކަނޑައަޅާފައިވާ ގަޑިތަކާ ދިމާވާ ގޮތަށެވެ.

މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން މިއަދު ފެށި އިރު އީސީން ވަނީ ވީހާ ވެސް އަވަހަކަށް އާންމުން ނުކުމެ ވޯޓްލާން އިލްތިމާސްކޮށްފަ އެވެ. އިންތިހާބުގައި ވާދަކުރާ ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން ވެސް ވަނީ އެންމެ ފަހު ވަގުތަށް ލަސްނުކޮށް ވީހާ ވެސް އަވަހަކަޑް ވޯޓްލާން އާންމުންގެ ކިބައިން އެދިފަ އެވެ.

ވޯޓްލުން މިއަދު ކުރިއަށްދާ އިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިންތިހާބު އަމާންކަމާއި ސުލްހަވެރިކަމާ އެކީ ކުރިއަށް ގެންދަން އީސީ އާއި ފުލުހުން ވެސް އެދިފައިވެ އެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މުޅި ރާއްޖޭގައި ފުލުހުން ހަރަކާތްތެރި ވާނެ އެވެ. އެގޮތުން އިންތިހާބަށް ހާއްސަކޮށްގެން "ބްލޫ ޓައިޑް" ގެ ނަމުގައި އޮޕަރޭޝަނެއް ވެސް ފަށައިފި އެވެ.

ވިހި ވަނަ މަޖިލިސް އިންްތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރާ އިރު، މީގެ ތެރޭގައި ހިމެނޭ އައްޑޫގެ 8 ދާއިރާއަކަށް ޖުމްލަ 29 ކެންޑިޑޭޓަކު ވާދަކުރެ އެވެ.

އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން:

* ހިތަދޫ އުތުރު ދާއިރާގެ ކެންޑޑޭޓުން:

1. ޝަޒީމާ ރަޝީދު (އަމިއްލަ ގޮތުން)
2. މުހައްމަދު މިރުޒާގު (އަމިއްލަ ގޮތުން)
3. މުހައްމަދު އަސްލަމް އެމްޑީޕީ)
4. ޝަބީނާ އިބްރާހީމްދީދީ (ދަ ޑިމޮކްރެޓްސް)
5. އަހުމަދު ސައީދު (އަމިއްލަ ގޮތުން)
6. މުހައްމަދު ސިނާން (ޕީއެންސީ)
7. އިމްދާދު ޒުބައިރު (އަމިއްލަ ގޮތުން)

* މީދޫ ދާއިރާގެ ކެންޑިޑޭޓުން:

1. ހިޝާމް އަހުމަދު (އަމިއްލަ ގޮތުން)
2. އިޔާޒު ޖާދުﷲ ސައީދު (ޕީއެންސީ)
3. އިބްރާހީމް ޝަފީއު (އަމިއްލަ ގޮތުން)
4. މުހައްމަދު ސަބްރީ (އެމްޑީޕީ)
5. އަބްދުއް ރަހުމާން (އަމިއްލަ ގޮތުން)

* ހުޅުދޫ ދާއިރާގެ ކެންޑިޑޭޓުން:

1. މުހައްމަދު ޔާސީން (ދަ ޑިމޮކްރެޓްސް)
2. މުހައްމަދު ޝާހިދު (ޕީއެންސީ)
3. އަހުމަދު ޝަރީފު (އަމިއްލަ ގޮތުން)
4. ސާމިއު އަންވަރު (އެމްޑީޕީ)

* ފޭދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓުން:

1. ނޫރުﷲ ސައީދު (އަމިއްލަ ގޮތުން)
2. އިބްރާހީމްދީދީ (ޕީއެންސީ)
3. އަބްދުﷲ ހަނީފު (އެމްޑީޕީ)

* ފޭދޫ އުތުރު ދާއިރާގެ ކެންޑިޑޭޓުން:

1. އަބްދުﷲ ހުޒާމް ނަސީމު (އަމިއްލަ ގޮތުން)
2. އިސްމާއީލް ނިޒާރު (ޕީއެންސީ)
3. އަހުމަދު ޝަރީފު (އެމްޑީޕީ)

* މަރަދޫ ދާއިރާގެ ކެންޑިޑޭޓުން:

1. މުހައްމަދު އަމީތު (ޕީއެންސީ)
2. އަހުމަދުދީދީ (އެމްޑީޕީ)
3. މުހައްމަދު ހަމްދޫން (އަމިއްލަ ގޮތުން)

* ހިތަދޫ މެދު ދާއިރާގެ ކެންޑިޑޭޓުން:

1. މުހައްމަދު ޝުއާއު (އެމްޑީޕީ)
2. އަހުމަދު އަޒާން (ޕީއެންސީ)

* ހިތަދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓުން:

1. މުހައްމަދު ސިޔާމް (ޕީއެންސީ)
2. އިބްރާހީމް ނާޒިލް (އެމްޑީޕީ)

ވޯޓު ގުނަން ފަށާނީ ވޯޓުލާ ނިމޭތާ 30 މިނެޓި ފަހުންނެވެ.