Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ރައީސް މުއިއްޒު ގޮވާލެއްވީ އަވަހަށްނިކުމެ ވޯޓުލުމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު-

ވީހާވެސް އަވަހަށްނިކުމެ ވޯޓުލުމުގެ ހައްޤު އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނިކުމެވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްޤެއް އަދި ޒިންމާއެއް ކަމަށެވެ.

"އެހެންމަ ހުރިހާ ރައްޔިތުންވެސް ނިކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކޮށްދެއްވާށޭ. ކޮންމެހެން ހަވީރު ވަންދެން މަޑުނުކުރައްވާ އެބޭފުޅަކު ވޯޓުލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވުމަކީ އެބޭފުޅެއްގެ ހައްޤެއް އަދި ޒިންމާއެއްވީމަ، އަޅުގަނޑު އެކަމަށް އިލްތިމާސްކުރަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީލު 05:30 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ޖުމުލަ 368 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރާއިރު ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ.