Last Updated: May 18, 14:59
Saturday, May 18, 2024
ޚަބަރު

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރަސްމިއްޔާތެއް ބާއްވައިފި

ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމު ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު ބާއްވައިފިއެވެ.

132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 0600 ގައި ކަޅުތުއްކަލާކޮށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ރަސްމިއްޔާތުގައި ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "ޤައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު، ޑިފެންސް މިނިސްޓަރު ހާމަ ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ސިފައިން ނެރޭ "އައްޑަނަ މަޖައްލާ" ގެ 34 ވަނަ ޢަދަދު ވެސް ނެރެދެއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.