Last Updated: May 3, 22:21
Friday, May 3, 2024
ދުނިޔެ

ޖަޕާންގެ އަސްކަރީ ހެލިކޮޕްޓަރުތަކެއް ވެއްޓިއްޖެ

މިިލިޓަރީ ޑްރިލްއެއްގެ ތެރޭގައި ޖަޕާންގެ ދެ ހެލިކޮޕްޓަރެއް ރޭ ވެއްޓި އެކަކު މަރުވެ، ހަތް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އިއްޔެގެ މި ހާދިސާގައި ދެ ހެލިކޮޕްޓަރު ވެއްޓުނީ ޕެސިފިކް ކަނޑަށެވެ. މިއިން ކޮންމެ އެއްޗެއްގައި ހަތަރު މީހަކު ތިއްބެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާ އިރު، ދެން ތިބި މީހުން ވަނީ ގެއްލިފަ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ޖަޕާންގެ ޑިފެންސް މިނިސްޓަރު މިނޯރޫ ކިހާރާ ވިދާޅުވީ މިއީ ވަރަށް ވެސް ހިތްދަތި ހާދިސާއެއް ކަމަށާއި ގެއްލުނު އޮފިސަރުންތައް ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރިއަށްދާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ދެ ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެނީ އަސްކަރީ ޑްރިލްގެ ތެރޭގައި އެކަތި އަނެކައްޗާ ޖެހިގެންނެވެ.

"ނަމަވެސް އެކަން އަދި ކަށަވަރެއް ނުވޭ. މިކަން އަންނަނީ އިތުރަށް ބަލަމުން." މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާންގެ މެރިޓައިމް ސެފްލް-ޑިފެންސް ފޯސް ޖޭއެމްއެސްޑީއެފް) އިން ވެސް ބުނީ ހާދިސާ ހިނގި ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ. ވެއްޓުނު ދެ ހެލިކޮޕްޓަރު ވަނީ ކަނޑުމަތިން ނަގައިފަ އެވެ. އެތަނުން ބުނީ ދެ ހެލިކޮޕްޓަރުތައް ވެއްޓުނުކަން އެނގުނީ އެކަތީގެ މުވާސަލާތު 10:30 އެހާކަށްހާ އިރު، ކެނޑި އަނެއް ހެލިކޮޕްޓަރުގެ މުވާސަލާތު ރޭ 11:00 ޖަހައި ބޮޑުވި ފަހުން ކެނޑިފައި ވަނިކޮށެވެ.

ވެއްޓުނު ދެ ހެލިކޮޕްޓަރަކީ އެސްއެޗް-60ކޭ މަރުކާގެ ދޭއްޗެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.