Last Updated: May 3, 18:13
Friday, May 3, 2024
މުނިފޫހިފިލުވުން

ސުޕަމޭން ބައްޕައަކަށް ވަނީ

މީގެ 11 އަހަރު ކުރިން ރިލީޒްކުރި ސުޕަމޭންގެ ފިލްމު "މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލު ކުޅުނު އެކްޓަރު ހެންރީ ކެވިލް ބައްޕައަކަށް ވާން އުޅޭކަން އިއުލާންކޮށްފި އެވެ.

އެކްސެސް ހޮލީވުޑްގައި އެ ވާހަކަ ހިއްސާކޮށް 40 އަހަރުގެ އިނގިރޭސި އެކްޓަރު ބުނީ އޭނަ އާއި ބައިވެރިޔާ ނަޓަލީ ވިސްކޫޒޯ، 34، މިހާރު ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ކެތްމަދުވެފައިވާ ކަމަށް ވެސް ހެންރީ ބުންޏެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރާއި ނަޓަލީ ރައްޓެހިވީ މީގެ ތިން އަހަރު ކުރިންނެވެ.

އެ ގޮތުން އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިންސްޓަގްރާމްގައި ރަސްމީކޮށް އިއުލާންކުރީ 2021 ގަ އެވެ.

ޓޮމް ކްރޫޒާ އެކީ "މިޝަން އިމްޕޮސިބަލް" ގެ 2018 ގެ ފިލްމު "ފޯލްއައުޓް" ގެ ރޯލެއް ވެސް ކުޅުނު ހެންރީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސްޕައި އެކްޝަން ކޮމެޑީ "ދަ މިނިސްޓްރީ އޮފް އަންޖެންޓްލްމޭންލީ ވޯފެއާ" އެވެ.

މަގުބޫލު ސީރީޒް "ދަ ވިޗާ" ގެ ބަތަލުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "އިން ދަ ގްރޭ" އެވެ.