Last Updated: May 6, 08:46
Monday, May 6, 2024
ކުޅިވަރު

ޕެނަލްޓީން މޮޅުވެ ޔުނައިޓެޑް ފައިނަލަށް

ކޮވެންޓްރީ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ. މިއީ އެފްއޭ ކަޕްގެ ފައިނަލެއްގައި މި ދެ ކްލަބް ޖެހިޖެހިގެން ބައްދަލުކުރާ ދެވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ފައިނަލްގައި ވެސް މި ދެ ޓީމު ބައްދަލުކުރިއިރު، އެފަހަރު ތަށި ހޯދީ ސިޓީންނެވެ. ފައިނަލް އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ 23 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ސްކޮޓް މެކްޓޮމިނޭ ކާމިޔާބު ކުރިއިރު، އެޓީމުގެ ދެވަނަ ގޯލު ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ހެރީ މެގުއާ އެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

ޔުނައިޓެޑުން ތިން ގޯލުގެ ލީޑެއް ނެގިއިރު، މެޗުގެ 71 ވަނަ މިނެޓްގައި އެލިސް ސިމްސް ވަނީ ކޮވެންޓްރީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 79 ވަނަ މިނެޓްގައި ކަލުމް އޮ ހާރޭ ކޮވެންޓްރީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 90 މިނެޓްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ހަޖީ ރައިޓް ވަނީ ކޮވެންޓްރީ އަށް ނަތީޖާ އެއްވަރުކޮށްދީ ހައިރާންކަން ގެނުވާފަ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރެއްގައި އޮތުމުން ނަތީޖާ ނެރުމަށް ދެ ހާފު ކުޅުނުއިރު، އެވަރުން ވެސް ނަތީޖާ ބަދަލު ނުވުމުން ދެން ޖެހީ ޕެނަލްޓީ އެވެ.

ޕެނަލްޓީގައި ޔުނައިޓެޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ޔުނައިޓެޑުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޑަލޮޓް އާއި ކްރިސްޓިއަން އެރިކްސަން އާއި ބްރޫނޯ ފެނާންޑޭސް އާއި ރަސްމުސް ހޮއިލުންޑް އެވެ. ޔުނައިޓެޑްގެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ ކަސެމީރޯ އަށެވެ. ކޮވެންޓްރީން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ހާޖީ ރައިޓް އާއި ވިކްޓާ ޓޯޕްގެ ޕެނަލްޓީ އެކަންޏެވެ.