Last Updated: May 6, 11:59
Monday, May 6, 2024
ކުޅިވަރު

ބެލިންހަމްގެ ގޯލުން ރެއާލް އިން ބާސާ ބަލިކޮށްފި

ފަހު ވަގުތު ޖޫޑް ބެލިންހަމްގެ ޖެހި ގޯލުން ރެއާލް މެޑްރިޑުން 3-2 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 32 މެޗުން ލިބުނު 81 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 32 މެޗުން 70 ޕޮއިންޓު ހޯދައިގެން ބާސާ އޮތްއިރު ތިންވަނައިގައި 32 މެޗުން 68 ޕޮއިންޓާ އެކު އޮތީ ޖިރޯނާ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ޑިފެންޑަރު، އަންދްރޭސް ކްރިސްޓެންސަން ވަނީ ބާސާ އަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭގެ އިރުކޮޅެއްފަހުން ބާސާގެ ލަމީން ޔަމާލް ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ރެއާލްގެ ކީޕަރު ލުނިން ދިފާއުކުރިއިރު، ބާސާ ކުޅުންތެރިން ވަނީ ކީޕަރު ބޯޅަ ނެގީ ގޯލުލައިން ހުރަސް ކުރި ފަހުން ކަމަށް ބުނެ މައްސަލަ ޖައްސާފަ އެވެ.

ސްޕެނިޝް ލީގުގައި ގޯލްލައިން ޓެކްނޮލޮޖީ ބޭނުން ނުކުރާއިރު ވީއޭއާރް ބެލުމަށްފަހު ނިންމީ ބޯޅަ ގޯލުލައިން ހުރަސް ނުކުރާ ކަމަށެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ބާސާ އިންނެވެ. މެޗުގެ 69 ވަނަ މިނެޓްގައި މި ގޯލު ފާމިން ލޮޕޭޒް ކާމިޔާބު ކުރިއިރު، މެޗުގެ 73 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ވަނީ ރެއާލަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަށްފަހު ރެއާލުން ބާސާގެ ގޯލަށް ދިޔައީ ވަރަށް ބޮޑަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބެލިންހަމް ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފަ އެވެ.

މިއީ ރެއާލުން ބަލި ނުވެ ފުރިހަމަ ކުރި 28 ވަނަ މެޗެވެ. އޭގެތެރެއިން 22 މެޗުން ރެއާލް މޮޅުވިއިރު ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.