Last Updated: May 3, 22:21
Saturday, May 4, 2024
މުނިފޫހިފިލުވުން

"ކަލްކީ" ގައި އަމީތާބަކީ އަޝްވަތައްމާ

މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އިންޑިއާގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަލްކީ: 2898 އޭޑީ" ގައި އަމީތާބް ބައްޗަން ފެންނާނެ ގޮތް ޓީޒާއަކުން ދައްކާލައިފި އެވެ.

"ވަރަށް ގަދީމީ" ގޮތަކަށް އޭނަ ފެންނަ ކެރެކްޓާ އަށް ކިޔަނީ އަޝްވަތައްމާ އެވެ. "ކަލްކީ" ގައި އަމީތާބް ފެންނާނެ ގޮތް ދައްކައިލުމާ އެކީ މިއީ އޭނަގެ ވަރަށް ތަފާތު ރޯލަކަށްވާނެކަމުގެ ކުލަވަރު ވަރަށް ބޮޑެވެ. އެހެންވެ އަޝްވަތައްމާ ކެރެކްޓާ އަކީ ވަރަށް ޝައުގުވެރި ރޯލަކަށްވާނެކަމުގެ އުންމީދު ބޮޑެވެ.

މި އަހަރުގެ ޖޫން 20 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ކަލްކީ" އަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ގެނެސްދޭ އެޕިކް ސައިންސް-ފިކްޝަން ޑިސްޓޯޕިއަން ފިލްމެކެވެ. މީގެ މައިގަނޑު ކާސްޓްގައި ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރް، ރަޖެންދުރަ ޕްރަސާދު، ޕަސޫޕަތީ، ސަސްވަތާ ޗެޓަޖީ އަދި އައްނާ ބެން ހިމެނެ އެވެ.

އިންޑިއާގެ ސިނަމާ އަށް މުޅިން ރަހައެއް ގެނުވައިދޭނެ ކަމަށް ބެލެވޭ "ކަލްކީ" ހަދާފައި ވަނީ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރާ ސަބަބުތަކުގެ ތެރޭގައި ޕްރަބާސް އާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނުން ދެކިލަން ބޭނުންވުން ހިމެނެ އެވެ.