Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

މި ފަހަރު ވެސް އަދުރޭގެ ހިސާބު ދިމާވެއްޖެ

ވިހި ވަނަ މަލިޖީހުގެ 70 އަށް ވުރެ ގިނަ ގޮނޑި ސަރުކާރުން ހިންގާ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ރައީސް ޑރ. މުހަމައްދުގެ މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ޖެއްސެވި ހިސާބު މި ފަހަރު ވެސް ދިމާވެއްޖެ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ކާމިޔާބީ ފާހަގަ ކުރައްވައިފި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އިއްޔެ ކަށަވަރުވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އަދުރޭގެ ހިސާބު ބަރާބަރަށް ދިމާވާ ކަމަށެވެ. ޝިޔާމު އެގޮތަށް ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ގޮނޑީގެ އަދަދާ ގުޅޭ ގޮތުން އަދުރޭ ދެއްވި އިންޓަވިއުއެއްގ ސުރުހީގެ ސްކްރީންޝޮޓަކާ އެކީގަ އެވެ.

"ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާ އެ ބޭފުޅުންގެ ޓީމްތަކަށް މަރުހަބާދަންނަވަން. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުންމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް." ޝިޔާމު ވިދާޅުވި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ހޯދި އިރު، އަދުރޭ ވެސް ވަނީ ފޮނަދޫ ދާއިރާ އަށް ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އޭނަ ކުރިން ވެސް އެ ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ. އަދުރޭ އަކީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ބައްޕަ އެވެ.