Last Updated: May 4, 06:00
Saturday, May 4, 2024
މުނިފޫހިފިލުވުން

އަނިލް "ދޭ ދޭ ޕިޔާރު ދޭ 2" އަށް ސޮއިކޮށްފި

އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލްގެ ރޯލަކަށް އަނިލް ކަޕޫރް ވެސް ސޮއިކޮށްފި އެވެ.

ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު ލަވް ރަންޖަންގެ ލަވް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ޕްރޮޑިއުސްކުރާ "ދޭ ދޭ ޕިޔާރު ދޭ 2" ގެ ރޯލެއް އަނިލް އަށް ހުށަހެޅުމާ އެކީ ވަގުތުން ގަބޫލުކޮށްފައިވާ ކަމަށެވެ. އެ ނޫހުން ބުނީ އަނިލް، 67، ފިލްމަށް އެއްބަސްވި މައިގަނޑު ސަބަބަކީ މިއީ ވަރަށް ލައިޓްހާޓެޑް ފިލްމަކަށްވެފައި މީގެ ހިއުމާ ކަމުދިޔަލެއް ބޮޑުކަމުންނެވެ.

ދެހާސް ނަވާރައިގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ދޭ ދޭ ޕިޔާރު ދޭ" ގައި އަޖޭ ކުޅެފައި ވަނީ އިނގިރޭސިވިލާތުގައި އުޅެމުން އައި ވިއްސަކަށް އަހަރުގެ އަންހެން ކުއްޖަކާ ހިތާވެގެން އުޅޭ އުމުރުން 50 އަހަރުން މަތީގެ ވިޔަފާރިވެރިއެއްގެ ރޯލެވެ. އަދި އުމުރުން އެހާ ހަގު ކުއްޖަކާ އޭނަ ހިތާވާ އިރު، ކުރީގެ ކައިވެންޏަށް އާ ލޯބިވެރިޔާއާ ދާދި އެއް އުމުރުގެ ދެ ކުދިން ވެސް އަޖޭގެ ތިބެ އެވެ.

އާކިވް އަލީ ޑައިރެކްޓްކުރި ފިލްމުގައި އަޖޭއާ އެކީ ބަތަލާއިންގެ ރޯލު ކުޅުނީ ރަކުލް ޕްރީތު ސިންގް އާއި ތައްބޫ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އަންޝުލް ޝަރުމާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ދޭ ދޭ ޕިޔާރު ދޭ" ގައި ވެސް ރަކުލް އާއި ތައްބޫ ހިމެނޭނެ އެވެ. މީގެ ކާސްޓަށް އަނިލް އިތުރުވި އިރު، އޭނަ ކުރިން ވެސް އަޖޭއާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ 2019 ގެ ކޮމެޑީ "ޓޯޓަލް ދަމާ" އެވެ.

ޖޫން މަހު ލަންޑަންގައި ޝޫޓިން ފަށާ "ދޭ ދޭ ޕިޔާރު ދޭ 2" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެއި 1 ގަ އެވެ.