Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

ކާމިޔާބުވީ ހުސްގޮނޑި ދައްކައިގެން ނޫންކަން ކަށަވަރުވެއްޖެ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކުރެއްވުނީ ހުސްގޮނޑިއެއް ދައްކައިގެން ނޫންކަން މިއަދު ކަށަވަރުވާ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ތަފާތު ބޮޑުކޮށް ރައީސް މުއިއްޒުގެ ޕީއެންސީން ކާމިޔާބު ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވާ ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުވެސް އަދި 2024 ގެ މަޖިލީސް އިންތިޚާބުވެސް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުތޫރަތްތެރި ހާލަތެއްގައި، ނުހަނު އިހްލާސްތެރި ކަމާއެކު ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމަށެވެ.

ޤާސިމް ވިދާޅުވީ އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާއެއް ނޫންކަން މިއަދު ރައީސް މުއިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި ދެއްވި ފުރިހަމަ މެޖޯރިޓީން އެނގި ކަށަވަރުވެފައިވާ ކަމަށެވެ.

"އެހެނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެެެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެނެއެވެ. ހަމަ މިއާއެކު، މިދެންނެވި ހުސްގޮޑި ނިޞްބަތްވާ ފަރާތުން ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މިއަދުގެ ވޯޓުގެ ނަތީއްޖާއިން ދިވެހީން އެވަނީ ދައްކުވައި ދެއްވާފައެވެ." ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިފައި ނުވާކަންވެސް ޤާސިމް ފާހަގަކުރައްވާފައިވެއެވެ.

ޤާސިމް ވަނީ އޭނާ މާމިނގިލީ ދާއިރާއަށް ވާދަކުރެއްވުމުން އޭނާއަށް ތާއީދުކޮށް ޕީއެންސީން އެ ދާއިރާއަށް ކެންޑިޑޭޓެއް ނުނެރުމުން އެކަމަށްވެސް ޝުކުރުއަދާކޮށްފައެވެ. އަދި ވިދާޅުވީ ރާއްޖެއަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ މުޢިއްޒަށް ދިވެހި ރައްޔިތުން އަރުވާފައިވާ ކަމަށެވެ.