Last Updated: May 3, 22:21
Saturday, May 4, 2024
ދުނިޔެ

އިޒްރޭލުގެ އިންޓެލިޖެންސްގެ ވެރިޔާ އިސްތިއުފާ ދީފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާ ޒިންމާ ނަގާ ކަމަށް ބުނެ، އެ ގައުމުގެ އަސްކަރީ އިންޓެލިޖެންސްގެ ވެރިޔާ މޭޖަ ޖެނެރަލް އަހަރޯން ހަލީވާ އިސްތިއުފާ ދީފި އެވެ.

މިކަމާ ބެހޭ ގޮތުން އިޒްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ އޭނަ އެ މަގާމުން އިސްތިއުފާ ދިން ނަމަވެސް މަގާމަށް އާ މީހަކު ހަމަޖެހެންދެން މަސްއޫލިއްޔަތުގައި ދެމިހުންނާނެ ކަމަށެވެ. އަސްކަރީގެ އިސްޓެލިޖެންސްގެ ވެރިޔާގެ މަހާމުން އަހަރޯން އިސްތިއުފާ ދީ، ރިޓަޔަކުރަން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އޭނަ އައިޑީއެފަށް ފޮނުވި ސިޓީއެއްގައި ބުނީ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ނުރައްކާތެރި ހަމަލާ އަކީ އޭނަގެ ފެއިލިއާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެކަމުގެ ޒިންމާ ނަގައި، މަގާމުން ވަކިވާން ނިންމީ ކަމަށް ބުނެފައިވެ އެވެ. އަދި އޮކްޓޯބަރު 7 އަކީ އަބަދު ވެސް ކަޅު ދުވަހެއްގެ ގޮތުގައި ދެކޭނެ ކަމަށާއި އެއީ ހަނދާނުން ފޮހެނުލެވޭނެ ދުވަހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އަހަރޯން ވަނީ އޮކްޓޯބަރު 7 ހަމަލާއާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ އިންކުއަރީއެއް ވެސް ހަދަން ގޮވާލައިފަ އެވެ.

އޭނަ ބުނީ އޮކްޓޯބަރު 7 ހަމަލާއާ ގުޅިގެން އިޒްރޭލުގެ އިންޓެލިޖެންސަށް އޮތް އިތުބާރާ މެދު މިހާރު ވެސް ގިނަ ބަޔަކު ސުވާލު ވެސް އުފައްދާ ކަމަށެވެ. އަދި އެއީ އޭނަގެ ސަބަބުން ކަމަށާއި އެހެންވެ ދެން މަގާމުގައި ދެމިހުންނަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.

އަހަރޯން އަކީ އޮކްޓޯބަރު 7 ގެ ހަމަލާ އަށް ފަހު އިޒްރޭލުގެ އިސް މަގާމަކުން އިސްތިއުފާ ދިން ފުރަތަމަ މީހާ އެވެ. އަދި އެ ހަމަލާގެ ޒިންމާ އުފުލި އިސްޓެލިޖެންސްގެ ވެރިންގެ ތެރޭގައި އައިޑީއެފްގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް ހަރްޒީ ހަލެވީ އާއި ސެކިއުރިޓީ ސާވިސްގެ ޑިރެކްޓަރު ރޯނެން ބާ ވެސް ހިމެނެ އެވެ. އެކަމަކު އެ މީހުން އިސްތިއުފާ ދޭކަށް ނުނިންމަ އެވެ.

ހަމާސް އިން ދިން ހަމަލާ އަށް ފަހު، އިޒްރޭލުން ދަނީ ޕަލަސްތީނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާ އިރު، ފަލަސްތީނު މިހާރު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.