Last Updated: May 3, 18:13
Friday, May 3, 2024
މުނިފޫހިފިލުވުން

ރަނުގެ ވަގު ވިޔަފާރިއާ ދެކޮޅަށް ރަޖްނީކާންތު

"ކޫލީ" ގެ ނަމުގައި ރަޖްނީކާންތުގެ އާ ފިލްމެއް އިއުލާންކޮށް އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

އޭނަގެ ސިގްނޭޗަ ސްޓައިލްގައި ބަޔަކު ތަޅާލައި، ސައިޒްކޮށްލާ މަންޒަރުތަކާ އެކީ ފިލްމުގެ ޓީޒާ އިއްޔެ ދައްކައިލުމާ އެކީ ރަޖްނީކާންތުގެ ފޭނުން އަންނަނީ މިއީ އަނެއްކާ ވެސް އެ މީހުން ސިނަމާތަކުގައި ފޯރި ނަގާނެ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ބުނެފަ އެވެ.

"ކޫލީ" އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އެކްޓަރު ވިޖޭއާ އެކީ ގެނެސްދިން އެކްޝަން ތުރިލާ "ލިއޯ" އެވެ. ލޮކޭޝް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ކައިތީ"، "މާސްޓާ" އަދި "ވިކްރަމް" ހިމެނެ އެވެ.

"ކޫލީ" އަކީ އޭނަ ރަޖްނީކާންތާ އެކީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. މީގައި ދައްކުވައި ދޭނީ ރަނުގެ ވަގު ވިޔަފާރި ކުރާ ބަޔަކާ ދެކޮޅަށް ރަޖްނީކާންތު ދައްކާ ހިތްވަރެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ މެއި/ޖޫން ހިސާބުގަ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރަޖްނީކާންތު، 73، ގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް އެކްޝަން ޑްރާމާ "ވެއްޓައިޔަން" އެވެ. މީގެ ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ. ރަޖްނީކާންތުގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ހާއްސަ ފެނިލުމެއްގައި ހިމެނުނު މިދިޔަ ފެބްރުއަރީގައި ރިލީޒްކުރި "ލާލު ސަލާމް" އެވެ.

އޭނަގެ މިދިޔަ އަހަރުގެ ބޮޑު ހިޓް "ޖެއިލާ" ސީކްއެލް "ހުކުމް" ގެ ނަމުގައި ހަދަން އަންނަނީ ތައްޔާރީތައްވަމުންނެވެ.