Last Updated: May 6, 09:18
Monday, May 6, 2024
ކުޅިވަރު

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ އަށް

ވާދަވެރި އޭސީ މިލާން 2-1 އިން ބަލިކުރުމަށް ފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ރޭ ހޯދައިފި އެވެ.

ލީގުގައި ބާކީ ފަސް މެޗު ބާކީ އޮއްވާ އިންޓަ އިން ޗެމްޕިއަންކަން ހޯދީ 33 މެޗުން ލިބުނު 86 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 33 މެޗުން 69 ޕޮއިންޓު ހޯދައިގެން މިލާން އޮތްއިރު އެޓީމަށް ދެން އިންޓައާ އަރާ ހަމަ ނުކުރެވޭނެ އެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 18 ވަނަ މިނެޓްގައި ފްރާންސެސްކޯ އަޗާބީ ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. މިއީ މިލާންގެ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސްގެ އިންޓަގެ ފްރާންސް ފޯވާޑް މާކަސް ތުރާމް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 80 ވަނަ މިނެޓްގައި މިލާންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ އެވެ. މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ތިން ރަތްކާޑު ވެސް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ދެ ޓީމުގެ ކުޅުންތެރިން މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ރެފްރީ ވަނީ މިލާންގެ ތިއޯ ހަނާންޑޭޒް އާއި ޑޭވިޑޭ ކަލަބްރިއާ އަށް ރަތްކާޑު ދައްކާފަ އެވެ. އަދި އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ވެސް ރަތްކާޑު ދައްކާފައިވެ އެވެ.

މިއީ އިންޓަ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.