Last Updated: May 5, 09:30
Sunday, May 5, 2024
ޚަބަރު

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ 2 އިސްލާހެއްގެ ފުރަތަމަ ކިޔުން އިއްވައިފި

މަޖިލީހުގެ ތަޅުން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ 2 އިސްލާހެއްގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވަނީ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކުގައެވެ.

ރޮޒައިނާ ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 33 އިންސައްތަ ހާއްސަކުރަންވާނީ އަންހެނުންނަށް ކަމަށެވެ. އަދި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ގުރުލައިގެން ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.

ހަސަން ލަތީފް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އިސްލާހުގައި ބުނެފައިވަނީ، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އެނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މީގެއިތުރުން ދާއިރާގެ ރައްޔިތުން ހުށަހަޅާ ޕެޓިޝަނަކުން، ރައްޔިތުންގެ އާންމު ވޯޓެއް ނަގައިގެންވެސް މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ 2 އިސްލާހެއްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ވަނީ އާ މަޖިލީހަށް މެންބަރުން އިންތިހާބު ކޮށްފައެވެ. އެ މެންބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މޭ 28 ވަނަ ދުވަހުއެވެ.

މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މިދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.