Last Updated: May 6, 15:27
Monday, May 6, 2024
ޚަބަރު

އުންމީދަކީ އާ މެންބަރުންނާ އެކީ އައްޑޫ ތަރައްގީވުން

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އައްޑޫން ހޮވުނު އާ މެންބަރުންނާ އެކީ އަަައްޑޫ ތަރައްގީވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވަނީ އަލަށް ހޮވިވަޑައިގަތް 8 މެންބަރުންނަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

"އުންމީދަކީ ތިޔަ ބޭފުޅުންގެ ދައުރުގެ ތެރެއިން އައްޑޫ ސިޓީއަށް ތަރައްގީގެ މަގުގައި ލާބަ އާއި މަންފާ ލިބިގެން ދިއުން،" މޭޔަރު ވިދާޅުވި އެވެ. "ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީ އަށް ކުރަން ރޭވިފައިވާ މަސައްކަތްތަށް އަވަސްކުރުވައި ގުޅިގެން ކުރިއަށް ދިއުން."

ވިހި ވަނަ މަޖިލީހަށް އައްޑޫން ހޮވުނު މެމްބަރުންނާ އެކީ އެމްޑީޕީ އަށް ވަނީ މެޖޯރިޓީ ވެސް ގެއްލިފަ އެވެ. އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި އެ ޕާޓީ އަށް ލިބުނީ އައްޑޫގެ އެންމެ ދެ ގޮނޑި އެވެ. އެއީ މިހާރު ވެސް ހިތަދޫ ދެކުނު ދާއިރާ ތަމްސީލު ކުރައްވާ އިބްރާހީމް ނާޒިލުގެ ގޮނޑި އާއި މަރަދޫ ދާއިރާ ކާމިޔާބުކުރެއްވި އަހުމަދުދީދީ އެވެ.

އައްޑޫގެ އަނެއް ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ލިބުނީ ވެރިކަން ކުރާ ޕީއެންސީއަށެވެ. އެގޮތުން ފޭދޫ ދެކުނު ދާއިރާގެ ގޮނޑި ކުރިން ވެސް މެމްބަރުކަން ކުރެއްވި އިބްރާހީމްދީދީ (އައިބީ) ކާމިޔާބު ކުރެއްވި އިރު، ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކުރިން ވެސް އެ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އެވެ.

މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާ މުހައްމަދު ސިނާން ކާމިޔާބު ކުރެއްވި އިރު، މެދު ދާއިރާ ކާމިޔާބު ކުރެއްވީ އަހުމަދު އަޒާނެވެ. ފޭދޫ އުތުރު ދާއިރާ ކާމިޔާބު ކުރެއްބީ އިސްމާއީލް ނިޒާރެވެ.

މީދޫ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުއް ރަހުމާނެވެ.

މަޖިލިސް އިންތިހާބުގައި އައްޑޫގެ ދެ ކައުންސިލަރަކު ވެސް ވާދަކުރެއްވި އެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝުއާއި އަމިއްލަ ގޮތުން ހިތަދޫ އިތުރު ދާއިރާ އަށް ވާދަކުރެއްވި މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އައްޑޫ ހަގީގީ ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށް ދޭނީ މި ސަރުކާރުންނެވެ. އެގޮތުން އައްޑު އަކީ ވަރަށް އިސްކަން ދެއްވާނެ ކަމަށް ތަނެއް ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ހުޅުމީދު އާއި ހިތަދޫ ގުޅައިލަން އަޅަން ނިންމާފައިވާ ބްރިޖެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފަށައި، މި ދައުރުގެ ތެރޭގައި ނިންމާނެ އެވެ.