Last Updated: June 12, 17:57
Friday, June 12, 2026
ރިޕޯޓް

ހަންކެޑެ؛ ހަމަ ހަގީގަތުގައި ވެސް މާޗްގައި މަސައްކަތް ފަށާނެބާ؟

ހަންކެޑެ ފޮޓޯ/ އައްޑޫ ލައިވް

ސ. ހަންކެޑެ ރިސޯޓެެއްގެ ގޮތުގައި ތަރައްގީ ކުރަން ވާހަކަ ދައްކާތާ ލައްކަ ދުވަސްވެއްޖެ އެވެ. އަައްޑޫ ރައްޔިތުން ތިބީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.

އެހެން ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަނީ މާޗް މަހަށެވެ. ހަންކެޑެ ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ސިންގަޕޫރްގެ ކްރެސެންޑާޒް ގްރޫޕުން ބުނާ ގޮތުގައި ހަންކެޑެ ތަރަައްގީ ކުރުމުގެ މަސައްކަތް މާޗް މަހުގެ ތެރޭގައި ފަށާނެ އެވެ.

ކްރެސެންޑާސްގެ އިސް ދެ ބޭފުޅަކު ރާއްޖެ ވަޑައިގެން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެ މީހުންގެ ޕްލޭނާ ބެހޭ މައުލޫމާތުތައް ވަނީ ހިއްސާކުރައްވައިފަ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި 2014 ވަނަ އަހަރު އެތަން ހުޅުވާނެ އެވެ. އަދި ކުރިން ވެސް ބޭނުންވި ގޮތަށް އެ ރަށުގެ މަގު ބަދަލު ކުރުމުގެ ހުއްދަ ވެސް ސަރުކާރުން މިހާރު ދީފައިވާ ކަމަށް ކްރެސެންޑާސް އިން ބުންޏެވެ.

ކްރެސެންޑާސް ގްރޫޕްގެ ވައިސް ޕްރެޒިޑެންޓް ޕްރޮޕަޓީ ޑިވެލޮޕްމަންޓް އޮން ސޫން ލީ ވިދާޅުވީ ހަންކެޑެއިގައި 100 ކޮޓަރި، 200 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ މާޗް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އެއާއެކު އައްޑޫގައި ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅިވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންނަށް ވަޒީފާ ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ކްރެސެންޑާސް އިން ބުންޏެވެ.

ލީ ވިދާޅުވީ ހަންކެޑެއިގައި ތަރައްގީކުރާނީ 4-5 ތަރީގެ ހިތްގައިމު، ފެންވަރު ރަނގަޅު ރިސޯޓެއް ކަމަށެވެ. އަދި މިއީ އެ ކުންފުނިން ރާއްޖޭގައި ކުރާ ފުރަތަމަ ބޮޑު އިންވެސްޓްމަންޓް ކަމަށް ވެސް ކްރެސެންޑާސް އިން ބުންޏެވެ.

"މިއީ 4- 5 ތަރީގެ ރިސޯޓެއް. ބީޗް ވިލާ އާއި ވޯޓަ ވިލާ ވެސް އެތަނުގައި ހުންނާނެ. އަޅުގަނޑުމެން އެތަނުގައި ކުރާ އިންވެސްޓްމަންޓްތަކުގެ އަދަދު އަދި ބުނަން ދަތި،" ލީ ވިދާޅުވި އެވެ. "ނަމަވެސް ރަނގަޅު އިންވެސްޓްމަންޓެއް އެތަނުގައި ކުރާނަން. އެ ރިސޯޓަކީ ތަފާތު ސިފަތަކެއް ލިބިގެންވާ ރިސޯޓަކަށް ވާނެ. އެހެން ނަމަވެސް އެކަން އަދި ސަޕްރައިޒެއްގެ ގޮތުގައި އެކަން ބާއްވާނީ."

މަރަދު އާ އިންވެގެ އޮންނަ ހަންކެޑެ ތަރައްގީ ކުރުމުގެ ވާހަކަ ދައްކަން ފެށި ދުވަހުން ފެށިގެން ވެސް ގިނަ ބަޔަކު އަންނަނީ އެ ޕްރޮޖެކްޓާ ދޭތެރޭ އުންމީދުތަކެއް ކުރަމުންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ އައްޑޫގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ސަރަހައްދާ އެއްފަސްކޮށް ހަންކެޑެ ގުޅިފައި އޮތުމުން، ފަސޭހަކަމާ އެކު ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުމެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަންކެޑެ ތަރައްގީ ކުރަން ތޫނޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލު ކުރި އެވެ.
އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް 2006 ވަނަ އަހަރު އެ ކުންފުންޏާ ހަވާލު ކުރި ނަމަވެސް އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އެ ކުންފުންޏަަށް އެ މަސައްކަތް ދިން މުއްދަތުގެ ތެރޭގައި ނުނިންމިގެ ސަރުކާރުން ވަނީ ފަހުން ޖޫރިމަނާ ވެސްކޮށްފަ އެވެ.

އޭގެ ފަހުން ދެން އަޑު އިވުނީ ތޫނޑު އިން ހަންކެޑެ ވަން އެންޑް ހާފް ޑިގްރީ ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ވާހަކަ އެވެ. އެއާ އެކު ހަންކެޑެ ސަރަހައްދުގައި ފެންސް ޖަހައި، 2008 ވަނަ އަހަރުގެ ތެރޭގައި އެތަނުގައި ނަމޫނާ ކޮޓަރިއެއް ހެދުމުގެ މަސައްކަތް ވެސް ފެށި އެވެ.
އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. މަހުމޫދު ޝައުގީ ވަރަށް ގާތުން ހަންކެޑެއިގެ މަސައްކަތްތައް ބައްލަވަމުން ގެންދެވި އެވެ. ނަމަވެސް އޭރު ފެށި މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވެގެން ވަކި ހިސާބަކުން ޖެހުނީ ހުއްޓާލާށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަންކެޑެ ތަރައްގީ ކުރަން ސިންގަޕޫރްގެ ކްރެސެންޑާސްއާ ހަވާލު ކުރި އެވެ. ނަމަވެސް 2010 ވަނަ އަހަރު އެ ކުންފުންޏާ އެތަން ހަވާލުކުރި ނަމަވެސް ކުރިއެރުންތަކެއް ފެންނަ ވަރެއް ނުވެ އެވެ.
އެކަމަކު އައްޑޫ ސިޓީ ކައުންސިލުން އޭރު ވެސް ބުނަމުން ދިޔައީ ކްރެސެންޑާސް އިން ހަންކެޑެ ތަރައްގީ ކުރުމަށް ވަރަށް ރަނގަޅު ޕްލޭނެއް ހުށަހަޅާފައިވާ ކަމަށެވެ.
އެއާ އެކު ހަންކެޑޭގެ އިރުމަތީ ފަރާތުގައި އޮތް ލިންކް ރޯޑް ރަށުގެ ހުޅަނގު ފަރާތަށް ކްރެސެންޑާސް އިން ބަދަލު ކުރަން ބޭނުންވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ހުށަހެޅުން އެގޮތަށް އައިސްފައި އޮއްވައި ފެބްރުއަރީ 7، 2012 ގައި ސަރުކާރު ބަދަލުވުމުން މަގު ބަދަލު ކުރުމަށް ކްރެސެންޑާސް އިން ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމުން މިނިސްޓްރީން ޖަވާބެއް ނުދީ ލަސް ކުރަމުންދާތީ މި ޕްރޮޖެކްޓް ކްރެސެންޑާސް އިން ހުއްޓާލާނެ ކަމުގެ އިޝާރާތްތަކެއް ލިބެމުން ދިޔަ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ހަންކެޑެ އާ ބެހޭ ގޮތުން މިހާރު އިވެނީ އަނެއްކާ ވެސް އުންމީދީ ވާހަކަތަކެކެވެ.

"އަޅުގަނޑުމެން މިހާރު ހަމަ ހަގީގަތުގައި ވެސް ބަލަން ބޭނުން ކްރެސެންޑާޒް އިން ބުނި ގޮތަށް މާޗް މަހުގެ ތެރޭގައި އެތަނުގެ އަމަލީ މަަސައްކަތް ފެށޭނެތޯ. ރައްޔިތުން މިކަމަށް އެދިއެދި ތިބޭތާ ކިތަންމެ ދުވަހެެއްވެއްޖެ މިހާރ،" މަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެ ކުންފުނިން ދިން ޔަގީންކަމެެއްގެ ތެރޭގައި މިހާރު މި ތިބީ. އުންމީދު ކުރަން އެއީ ހަމަ ހުސް ވާހަކަތަކަކަށް ނުވާނެ ކަމަށް."