Last Updated: May 4, 09:28
Saturday, May 4, 2024
މުނިފޫހިފިލުވުން

އަމީތާބު އިތުރު ބޮޑު ބިމެއް ގަނެފި

މިހާރު ރިއަލް އެސްޓޭޓް ވިޔަފާރި އަށް އިންވެސްޓް ކުރަމުން އަންނަ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން އަނެއްކާ ވެސް ބޮޑު ބިމެއް ގަނެފި އެވެ.

މީޑިއާތަކުން ބުނީ 10 ކްރޯޑް ރުޕީސް އަށް އަލީބާގް އިން 81 އަހަރުގެ އެކްޓަރު ގަތީ 20 އޭކަރުގެ ބިމެއް ކަމަށާއި މި ބިމުގެ ގަތުމުގެ މުއާމަލާތް ހަދާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. އެ ބިން އަމީތާބް ގަތީ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމަށްވާ ދަ ހައުސް އޮފް އަބިނަންދަން ލޯދާއިންނެވެ. "ޕްރޮޖެކްޓް އޭ" ގެ ނަމުގައި އަމީތާބަށް ވިއްކި ބިމަކީ މިދިޔަ އަހަރުގެ ތެރޭގައި މާކެޓަށް ހުޅުވައިލި ބިމެކެވެ.

އަމީތާބް ވަނީ ކުރިން ވަނީ އުއްތަރު ޕްރަދޭޝްގެ އަޔޯދިއާގައި ހަތް ތަރީގެ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ 14.5 ކްރޯޑް ރުޕީސްގެ ޕްރޮޖެކްޓަކަށް ވެސް އިންވެސްޓްކޮށްފަ އެވެ. އެކި ކަހަލަ ބޭނުންތަކަށް ހާއްސަ ތަންތަން އެކުލެވޭ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއު ނިމޭނީ 2028 ގަ އެވެ.

އަމީތާބަކީ އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ މުއްސަނދި އެކެކެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި އޭނަގެ އަމިއްލަ އަގުބޮޑު ގެތައް ވެސް ހުރެ އެވެ. މީގެ ތެރެއިން މުމްބާއީގެ ޖުހޫގައި އަމީތާބް ދިރިއުޅެމުން އަންނަ "ޖަލްސާ" އަކީ ބޮޑު ގަނޑިވަރެއް ކަހަލަ ގެއެކެވެ.

މީޑިއާތަކުން މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި މުމްބާއީގައި ހުންނަ އަމީތާބްގެ އަގުބޮޑު ގެތަކުގެ ތެރެއިން "ޕްރަތިކްޝާ" ވަނީ ހަދިޔާއެއްގެ ގޮތުގައި އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން އަށް ދީފަ އެވެ. އެ ގޭގެ އަގު 50 ކްރޯޑް ރުޕީސް (ހަ މިލިއަން ޑޮލަރު) އަށް އަރަ އެވެ.

ޝްވޭތާގެ އިތުރުން އަމީތާބްގެ އަނެއް ދަރިއަކީ ބަތަލާ އައިޝްވާރިއާ ރާއީއާ އިނދެގެން އުޅޭ އެކްޓަރު އަބީޝެކް ބައްޗަނެވެ.