Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

އިންތިހާބުގައި ވޯޓްލީ 75 ޕަސެންޓް މީހުން

މިދިޔަ އާދީއްތަ ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލީ 75 ޕަސެންޓް މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހުންނަށް ލިބުނެވެ. އަދި ވޯޓްލީ އަދަދު އުޅެނީ 215،000 އަށް ވުރެ މަތީގަ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓްލީ ނިސްބަތް 75 ޕަސެންޓް ހުރި އިރު، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 85 ޕަސެންޓް މީހުން ވޯޓް ލާފައިވެ އެވެ.

މީގެ ކުރީގެ މަޖިލިސް އިންތިހާބުތަކަށް ބަލާ އިރު، މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ އިންތިހާބު 2019 ގައި ބޭއްވި އިރު 81 ޕަސެންޓް މީހުން ވޯޓްލި އެވެ. އަދި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި 77 ޕަސެންޓް މީހުން ވޯޓްލި އިރު، 2009 ގެ އިންތިހާބުގައި 78 ޕަސެންޓް މީހުން ވޯޓްލި އެވެ.

އެހެންވެ މި ފަހަރުގެ މަޖިލިސް އިންތިހާބު ފާހަގަކުރެވުނީ ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ މަދުން މީހުން ވޯޓްލި މަޖިލިސް އިންތިހާބަށެވެ.

ވިހި ވަނަ މަޖިލީހުގައި 93 ދާއިރާއެއް ހިމެނެ އެވެ. މި މަޖިލީހަށް 368 ކެންޑީޑޭޓަކު ވާދަކޮށް ވެރިކަން ކުރާ ޕީއެންސީން ވަނީ 66 ގޮނޑިއާ އެކީ މެޖޯރިޓީ ނަގައިފަ އެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ލިބުނު ގޮނޑިތަކާއި އެ ޕާޓީގެ ތާއިދާ އެކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޫންނާ އެކީ ޕީއެންސީ އަށް އޮތީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކަށަވަރުވެފަ އެވެ.

މިހާރު އޮތް މަޖިލީހުގެ މެޖީރިޓޯ އޮތް އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މި ފަހަރުގެ އިންތިހާބުން ލިބުނި އެންމެ 12 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފައިވާ އިރު، މިނިވަން 11 ބޭފުޅަކު ގޮނޑި އެމްޑީއޭ ދެ ގޮނޑި، އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން ކޮންމެ ޕާޓީއަކަށް ގޮނޑި ލިބިފައިވެ އެވެ.

އިންތިހާބުގައި ވާދަކުރި ޕާޓީތަކުގެ ތެރެއިން ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓްފޮށި ބެހެއްޓި އެވެ. އަދި ބޭރުގެ ތިން ގައުމެއްގައި ވެސް ވޯޓްލި އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދު މެލޭޝިއާގަ އެވެ.