Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކީގައި މަސައްކަތްކުރަން ގޮވާލައިފި

މެންބަރު މީކާއިލް އަހުމަދު ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސްގައި އެކުގައި މަސައްކަތް ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ޕީއެންސީގެ ސުޕަމެޖޯރިޓީ މަޖިލީހުން މައިނޯރިޓީއަށް ޖާގަދެއްވާނެ ކަމަށް ބުނިނަމަވެސް ފާއިތުވި ފަސް މަހު މި ސަރުކާރު ހިނގަމުން އަންނަގޮތުން އެބޭފުޅުން އެ ވިދާޅުވާ ވާހަކައަށް އިތުބާރު ނެތްކަމަށެވެ.

މީކާއިލް ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ ބިރުވެރި ހާލަތެއްގައި ކަމަށާއި، މި ހާލަތުގައި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަދި އިދިކޮޅު ފަރާތްތައް އެކުގައި މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑު އެެދެން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށްވެސް ދަ ޑިމޮކްރެޓްސްއަށްވެސް އަދި އެހެނިހެންވެސް ސިޔާސީ މައިދާނުގައި މިހާރު ސަރުކާރު ޖަވާބުދާރީ ކުރުވާ ސަރުކާރަށް ފާރަވެރިވާނެ މަސައްކަތްތައް ކުރަން ތިއްބެވި މަދު މީސްކޮޅަށްވެސް، އެކުވާށޭ." މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ހުރި ނުތަނަވަސްކަމާއި މާޒީގައި ވެދިޔަ ކަންކަން ފަހަތަށްޖައްސާލާފައި ގައުމުގެ މުސްތަގުބަލާމެދު ވިސްނާ، ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުން ފަހަތަށް ޖައްސާލާ ރަނގަޅަށް ވިސްނައިގެން ކުރިއަށްއޮތް ތަނުގައި އެކުގައި މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި އެކުގައި މަސައްކަތް ނުކޮށްފިނަމަ ގައުމު ދުވަހަކުވެސް އަތުނުޖެހޭ ހިސާބަށް ގޮސްދާނެ ކަމަށް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ ބަދަލުކުރެވޭނެ މެޖޯރިޓީ ސަރުކާރުގައި މިހާރު އެބައޮތްކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ ޤައުމު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެމްޑީޕީ އަތުގައި ސުޕަމެޖޯރިޓީ އޮތްއިރު ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރުގެ އެއްވެސް ކަމެއް ފާއިތުވި 5 އަހަރު، މެޖޯރިޓީގެ ނާޖައިޒު ފައިދާ ހިފައިގެން ކޮށްފައިނުވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ކަންވެދާނެ ގޮތަކާމެދު ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތީ ބަނަ ދުވަސްތަކެއްކަމަށް އަޅުގަނޑު ދެކެން." މީކާއިލް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.