Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

އިހުލާސްތެރި މެންބަރުންގެ މޫނުމަތީ ޖެހީ ތަފާއްޔަކުން

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިހުލާސްތެރިކަމާއެކު މަސައްކަތްކުރި މެންބަރުންގެ މޫނުމަތީ ރައްޔިތުން ޖެހީ ތަފާއްޔަކުން ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުންފާޅު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ވަފާތެރިވުމާއި، އަމާނާތްތެރިވުން އަދި ކަމަށް ކަމޭހިތުން، މެންބަރުން ހޮވުމުގައި ރައްޔިތުން މިހާރު ނުބަލާ ކަމަށެވެ. އަދި މެންބަރުން ހޮވުމުގައި ވަގުތަށް މަޖިލީހަށް ހާޒިރުވެ މަސައްކަތުގައި އުޅޭ މިންވަރުވެސް ރައްޔިތުން ނުބަލާ ކަމަށެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތިން ދައުރުގައި ވެސް އަމާނާތަށް ވަފާތެރިވެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އޭނާގެ މޫނުމަތީވެސް ޖެހީ ތަފާއްޔަކުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް މެންބަރު އިބްރާހިމް ރަޝީދު އަދި އިމްތިޔާޒްވެސް ހޮވިފައެއް ނުވެއެވެ. އިމްތިޔާޒްގެ ދާއިރާ ކާމިޔާބު ކުރެއްވީ މިހާރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ. އަދި މެންބަރު އިބްރާހިމް ރަޝީދުގެ ދާއިރާ ކާމިޔާބު ކުރެއްވީ އަސްމާ ރަޝީދުއެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.