Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

ކުރީގެ ފަނޑިޔާރު ޑީޑީ އަށް ސްޓޭޓް މިނިސްޓަރުކަން

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީ -- ފޮޓޯ / އައްޑޫލައިވް

ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމެއް ދީފިއެވެ.

އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ސާބިތުވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ދީދީ ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒުގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ.

ސްޓޭޓް މިނިސްޓަރުކަމަށް އަބްދުﷲ ދީދީ އައްޔަނު ކޮށްފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކުރުމާމެދު ޕީޖީ އޮފީހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުމުގެ ތުހުމަތުގެ އިތުރުން ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި ވެސް އަބްދުﷲ ދީދީއާ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަތައް ބެލުމަށް އުފެއްދި ކޮމިޝަނުން ސުވާލު ކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެންވެސް ޖޭއެސްސީން ވެސް އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލިއެވެ.

ދީދީގެ މައްސަލަތައް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ދުރުކުރިއެވެ.