Last Updated: May 5, 12:41
Sunday, May 5, 2024
ޚަބަރު

މެރިއޮޓްގެ އެޕްރެންޓިސް އަށް އައްޑޫން ބައިވެރިން ހޯދަނީ

މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އިން މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގުރާމަށް ބައިވެރިން ހޯދަން އައްޑޫގައި ދެ ދުވަހު އޯޕަން ޑޭ ބާއްވަން ނިންމައިފި އެވެ.

އެގޮތުން އޯޕަން ޑޭ މި މަހުގެ 29 އާއި 30 ގައި ބާއްވާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެއީ އެ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ. މިދިޔަ އަހަރު ބޭއްވި މީގެ ފުރަތަމަ ބެޗަށް ވެސް ބައިވެރިން ހޯދަން އައްޑޫގައި އޯޕަން ޑޭ ބޭއްވި އެވެ.

މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސްގެ މި އެޕްރެންޓިސް ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީގެ ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އަހަރު ބާއްވަނީ މީގެ ދެވަނަ ބުރެވެ.

މި އަހަރުގެ ބެޗްގައި މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް ރިސޯޓްތަކުގެ ހަތް ޕްރޮޕަޓީއަކުން 100 އަށް ވުރެ ގިނަ އެޕްރެންޓިސްޝިޕް ސްލޮޓް ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާ އިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ޒުވާނުންނަށް އެމްއެންއެސްޑީއޭ އިން އެމްއެންކިއުއެފް ލެވެލް 3ގެ ނެޝަނަލް ސެޓްފިކެޓް ލިބޭނެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.

މެރިއޮޓްގެ އެޕްރެންޓިސްގެ އަހަރުގެ ބެޗަށް ވެސް ބައިވެރިން ހޯދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޕަން ޑޭތަކެއް ބާއްވައިގެންނެވެ. އޭގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި، ޅ. ނައިފަރު، ބ. އޭދަފުށި އަދި ހއ. ދިއްދޫ ހިމެނެ އެވެ.