Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

ކަންކަން އަވަސް ކުރަން އިސްލާމިކް މިނިސްޓްރީން މަންދޫބެއް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދާއިރާތަކުގައި އިސްލާމިކް މިނިސްޓްރީއާ ގުޅޭ ކަމްކަމުގައި ހިދުމަތްތައް އަވަސްކުރުމަށްޓަކައި ހާއްސަ މަންދޫބެއް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ އެ މަގާމަށް ހަމަޖެއްސީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔާސީން ނައީމު ކަމަށެވެ. އެހެންވެ އޭނަ މެދުވެރިވެގެން އާ މަޖިލިސް މެންްބަރުންގެ ދާއިރާތަކުގައި އިސްލާމިކް މިނިސްޓްރީއާ ގުޅޭ ކަންކަން އަވަހަށް ފޯރުކޮށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ ރައްޔިތުންނަށް އަވަސް ޚިދުމަތް ދިނުން ކަމަށެވެ.

"މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމުން އެ ބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ،" ޝަހީމު ވިދާޅުވި އެވެ. "ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުމަތް ދެވޭނެ."

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ވަނީ މެންބަރުން އިންތިހާބުކޮށްފަ އެވެ. ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑިއާ އެކީ މެޖޯރިޓީ ހޯދައިފަ އެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކާއި ސަރުކާރުގެ ތާއިދާ އެކީ ހޮވުނު މެންބަރުންނާ އެކީ ޕީއެންސީ އަށް މަޖިލީހުގެ ސުޕަ މެޖޯރީޓީ ލިބިފައިވެ އެވެ.

އާ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވާނީ އަންނަ މަހުގެ 28 ގަ އެވެ.