Last Updated: May 6, 15:02
Monday, May 6, 2024
ކުޅިވަރު

ޗެލްސީ އަތުން އާސެނަލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން 5-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މި މޮޅާއެކު އާސެނަލް އޮތީ 34 މެޗުން ލިބުނު 77 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 33 މެޗުން ލިބުނު 74 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު 32 މެޗުން 73 ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ޗެލްސީ އޮތީ 32 މެޗުން 47 ޕޮއިންޓާއެކު ލީގުގެ 9 ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓްގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލަށް ލީޑު ނަގާދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް އާސެނަލަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މި މެޗުގައި އާސެނަލްގެ ދެވަނަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި ބެން ވައިޓް ކާމިޔާބުކޮށްދިން އިރު، މެޗުގެ 57 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޗެލްސީ ދޫކޮށްލުމަށްފަހު މި ސީޒަނުގައި އާސެނަލްއާ ގުޅުނު ކައި ހަވެޓްޒް އެވެ. އާސެނަލްގެ ހަތަރުވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ހަވެޓްޒް އެވެ. އާސެނަލްގެ ފަހު ގޯލު އޭގެ ފަސް މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ވައިޓް އެވެ.

ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ރަށުން ބޭރުގައި ޓޮޓެންހަމްއާ އެވެ. ޗެލްސީ ނިކުންނާނީ ރަށުން ބޭރުގައި އެސްޓަންވިލާއާ ދެކޮޅަށެވެ.