Last Updated: May 5, 21:32
Sunday, May 5, 2024
މުނިފޫހިފިލުވުން

"ކިންގް" ގައި ޝާހްރުކްގެ ނެގަޓިވް ރޯލެއް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ދެން އެންމެ އަވަހަށް މަސައްކަތް ފަށާ ފިލްމު "ކިންގް" އޭނަ ކުޅޭނީ ނެގަޓިވް ރޯލެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ދަރިފުޅު ސުހާނާ ޚާން ވެސް ވަރުގަދަ ރޯލެއް ކުޅޭ މި އެކްޝަން ތުރިލާގައި ޝާހްރުކް ކުޅޭ ކެރެކްޓާ އަކީ ގްރޭ ޝޭޑްސް އެކުލެވޭ ވަރަށް ޝައުގުވެރި ކެރެކްޓާއެއް ކަމަށެވެ. މިފަދަ ރޯލުތަކެއް އޭނަ ކުރިން ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ޑޮން" ގެ ދެ ފިލްމާއި "ބާޒީގަރު" އާއި "ޑަރް" އާއި "އަންޖާމް" އަދި "ރައީސް" ހިމެނެ އެވެ.

މީޑިއާތަކުން ބުނީ 200 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ނިންމާފައިވާ "ކިންގް" ގެ ޓީމުގެ އަމާޒަކީ މީގެ ކުރިން ބޮލީވުޑުން ފެނިފައި ނުވާ ފަދަ ވަރުގަދަ ސްޓައިލިޝް އެކްޝަން ފިލްމެއް ގެނެސްދިނުން ކަމަށެވެ. އެގޮތުން މީގެ އެކްޝަން މަންޒަރުތަކަށް ހޮލީވުޑުން ތަޖުރިބާކާރު ޓީމެއް ވެސް ގެންނަން ނިންމާފައިވާ ކަމަށާއި ފިލްމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

"ކިންގް" ހަދަން ނިންމާފައި ވަނީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި އޭނަގެ މިދިޔަ އަހަރުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެންނެވެ. "ކިންގް" ޑައިރެކްޓްކުރާނީ "ކަހާނީ" ފަދަ ފިލްމުތައް ގެނެސްދިން ސުޖޯއި ގޯޝް އެވެ.

ނަމަވެސް "ކިންގް" އާ ބެހޭ އެއްވެސް މައުލޫމާތެއް ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ޝާހްރުކްގެ ދަރިފުޅު ސުހާނާ ފިލްމީ ދުނިޔެ އަށް ތައާރަފުވީ ނެޓްފްލިކްސްގެ މިދިޔަ އަހަރުގެ "ދި އާޗީސް" އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝާހްރުކް "ޕަތާން 2" ގެ މަސައްކަތް ވެސް ފަށާނެ އެވެ.