Last Updated: May 6, 06:06
Monday, May 6, 2024
ރިޕޯޓް

އެމްޑީޕީ "ފުނޑެނީތަ؟"

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އަށް މިހާރު މި ޖެހިފައި އޮތީ ކޮން ހާލެއް ހެއްޔެވެ؟ ގައިމު ވެސް އެ ޕާޓީ މިހާރު އޮތީ ވާދަވެރިންގެ މަލާމާތާ ކުރިމަތިލާން ޖެހޭ ފަދަ "ނިކަމެތި" ހާލަތެއްގަ އެވެ. އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިން ފެނުނީ އެކަމެވެ.

އުންމީދު ވެސް ނުކުރާ ފަދަ ބޮޑު ބައްޔެކެވެ. ލަދުވެތި ނަތީޖާއެކެވެ. އެންމެ 12 ގޮނޑި އެވެ.

އިންތިހާބުގެ ކުރިން ޕާޓީގެ ލީޑަޝިޕުން އަޑަށް ބާރުލައި ބުނަމުން ދިޔައީ ސަރުކާރު ބޮޑުތަނުން ބަލިކޮށް، މަޖިލީހުގެ މެޖޯރިޓީ ފަސޭހަކޮށް ނަގާނެ ކަމަށެވެ. އެކަމަކު އިންތިހާބުގެ ވަގުތީ ނަތީޖާތައް ތިލަވާން ފެށި ހިސާބުން، އެމްޑީޕީގެ އުންމީދު ފެނަށްވެއްޖެކަން ކަށަވަރުވާން ފެށި އެވެ.

ސަބަބަކީ ސަރުކާރު ހިންގާ ޕީއެންސީން ކުރިން ބަޔަކު އުންމީދު ވެސް ނުކުރާ ވަރުގެ ނަތީޖާއެއް ހޯދުމެވެ. ހަމައެކަނި އެ ޕާޓީ އަށް ޖުމްލަ 66 ގޮނޑި ކަޑަށަވަރުވި އެވެ. އަދި ޕީއެންސީއާ ގުޅިފައިވާ އެހެން ޕާޓީތަކާއި އެ ޕާޓީގެ ތާއިދާ އެކީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ހޯދި ކާމިޔާބީއާ އަކީ ޕީއެންސީ އޮތީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.

މި ނަތީޖާވެގެން ދިޔައީ އެމްޑީޕީ އަށް ހައިރާންކަމާއި މާޔޫސްކަން ގެނުވައި ދިން ނަތީޖާއަކަށެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެ ޕާޓީން އުންމީދުކޮށްގެން ތިބީ، ޕާޓީގެ ލީޑަޝިޕުން ބުނަމުން ދިޔަ ގޮތަށް ސަރުކާރުން "ވިއްކަމުންދާ ދޮލަނގު ދޮގާއި" މިހާ އަވަހަށް ރައްޔިތުން ފޫހިވީ ސަރުކާރެއް ނެތުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ސަރުކާރު ހިންގަވަން ނޭނގޭތީ" އެކަން ބަދަލު ކުރަން ރައްޔިތުން ބޭނުންވެފައި ތިބިކަމެވެ. އަދި ރައީސް މުއިއްޒު އަޒުލުކޮށް، ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް ދިޔައީ ހަރުއަޑުން ގޮވަމުންނެވެ.

ނަމަވެސް މަޖިލީހުގެ ނަތީޖާ ދެއްކީ މުޅިން އިދިކޮޅެވެ. އެމްޑީޕީ އާއި ސަރުކާރާ އިދިކޮޅު އެހެން ވެސް ފަރާތްތަކުން ދައްކަމުން އައި ވާހަކަތަކުގެ ހަގީގަތެއް ނެތްކަމެވެ. ނަތީޖާ އިން ރައްޔިތުން ދައްކުވައި ދިނީ ސަރުކާރަށް އިތުބާރު އޮތްކަމާއި މުއިއްޒު ބޭނުންވެވަޑައިގަންނަވާ ތަރައްގީ ގެންނަން މަގުފަހި ކުރަން ސަރުކާރަށް މަޖިލީސް ދޭން ޖެހޭކަމެވެ. މުއިއްޒު ނޫން ގޮތެއް ރައްޔިތުން ބޭނުން ބޭނުން ނުވިކަމެވެ.

އިންތިހާބުގެ ނަތީޖާ ތިލަކޮށް ވަޒަންކުރާ ނަމަ ބުނެވެން އޮތީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުން ދައްކަމުން އައި އެއްވެސް ވާހަކައެއް ރައްޔިތުން ގަބޫލުނުކުރިކަމެވެ. އެކަން އޮތީ ސުޕަ މެޖޯރިޓީ ދީގެން ވަރަށް ސާފުކޮށް ދައްކުވައި ދީފަ އެވެ.

ކޮންމެއަކަސް މި ފަހަރުގެ މި އިންތިހާބުވީ އެމްޑީޕީ އަށް ލިބުނު ބޮޑު ވެއްޓުމަކަށެވެ. ފެންނަ މަންޒަރުތަކަށް ބަލާ އިރު، މިހާރު ސިފަވަނީ 2008 ގައި ރަޖިސްޓްރީވި ޕާޓީ، މަޑުމަޑުން ފަނޑުވެ، ނުފޫޒާއި ބާރު އެއްކޮށް ކެނޑިގެންދާ ތަނެވެ. މިހާރުގެ ލީޑަޝިޕާ އެކީ މިއީ ބޮޑު ބައްޔަކުން އެމްޑީޕީ ބަލިވި ދެވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީ ފެއިލްވީ އެވެ. އެ ގެއްލުން ފޫބައްދަން މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ނަގަން ކުރި މަސައްކަތްތައް ވެސް ފަނުފުލުން ދިޔައީ އެވެ. މިއާ އެކީ މިހާރު އެންމެ ގަދަ އަޑަކީ ޕާޓީގެ ލީޑަޝިޕަށް އިތުބާރު ނެތްކަމާއި އެ މީހުން އިސްތިއުފާ އަށް ގޮވައިލުމެވެ.

އެމްޑީޕީގެ ލީޑަޝިޕަށް ބަލާ އިރު، ޕާޓީގެ ރައީސަކީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޗެއާޕާސަނަކީ ފައްޔާޒް އިސްމާއީލެވެ. ކުރިގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ ތެރެއިންނާއި އެ ޕާޓީގެ އާންމުންގެ ހިޔާލާއި ވިސްނުން ހުރި ގޮތަށް ބަލާ އިރު، މިހާރު މި ލީޑަޝިޕާ އެކީ އެމްޑީޕީ އަށް ކުރިމަގެއް ނެތެވެ. އެހެންވެ މިހާރު ތިއްބެވި ވެރިންގެ އިސްތިއުފާ އަށް ގޮވައިލާ އަޑު ދަނީ އިތުރުވަމުންނެވެ.

އެމްޑީޕީ އަށް މި ފަހުން ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ ޕާޓީ ދެ ފަޅިވެ، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ ކަމަށް ކުރީފެ ރައީސް މުހައްމަދު ނަޝީދު ޕާޓީ ދޫކޮށްލެެއްވުމެވެ. އެކަން އެހެން ދިމާވުމުގެ ކުރިން މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވެސް އޮތެވެ. ނަމަވެސް ނަޝީދާއި އިތުރު މަޖިސް މެންބަރުންތަކެއް ފަހުން އާ ޕާޓީއެއް، ޑިމޮކްރެޓްސްގައި ނަމުގައި އުފަންކުރި އެވެ. އެއާ އެކީ އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ ގެއްލުނެވެ.

އެމްޑީޕީ އަށް ލިބުނު އަނެއް ގެއްލުމަކީ ރިޔާސީ އިންތިހާބަށް ފަހު، އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް، ވެރިކަން ކުރާ ޕީއެންސީއާ ގުޅުމެވެ. މިއިން ކޮންމެ ކަމަކީ އެމްޑީޕީގެ ރިހޭ ފައިމައްޗަށް ވެއްޓެމުން ދިޔަ ފޮއެވެ. ގެއްލުމަކަށް ފަހު، ގެއްލުމެކެވެ، ވެއްޓުމަކަށް ފަހު ވެއްޓުމެކެވެ.

އެމްޑީޕީއާ ވަކިވެވަޑައިގެން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް ނަޝީދުގެ ޕާޓީ ވާދަކުރި އެވެ. އެކަމަކު ކުރިމަތިލާން ޖެހުނީ ސުމަކާ އެވެ.

މިކަމުން ދައްކުވައި ދިން އެއް ކަމަކީ ސިޔާސީ މައިދާނުގައި ނަޝީދަށް ކުރިން އޮތް ތާއިދާއި ލޯބި ވެސް މިހާރު ނެތްކަމެވެ. ނަޝީދަށްވެގެން ވަކި ކާމިޔާބީއެއް ހޯދަން މިހާރު ފަސޭހަ ނޫންކަމެވެ. އެހެން ނޫން ނަމަ ނަޝީދުގެ ޕާޓީން މަޖިލިސް އިންތިހާބަށް ނުކުތް ކެންޑިޑޭޓުންގެ ތެރެއިން ކުޑަމިނުން އެކަކަށް ވެސް ގޮނޑިއެއް ކާމިޔާބު ކުރެވުނީހެވެ.

ރިޔާސީ އިންތިހާބުގެ ބައްޔަށް ފަހު އެމްޑީޕީން ބުނެފައި ވަނީ ބަލިވި މައިގަނޑު އެއް ސަބަބަކީ ނަޝީދު ޕާޓީ ދޫކޮށްލައްވައި މުޅިން، ވަކިން ސިޔާސީ ހަރަކާތްތަކެއް ފެށުން ކަމަށެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޕާޓީ އަކީ ވަކި މީހެއް ނޫންކަމެވެ. ވަކި މީހެއްގެ ނުފޫޒާ އެކީ ކުރިއަށް ދާން ޖެހޭ ހަރަކާތެއް ވެސް ނޫނެވެ.

ޕީއެންސީން މަޖިލިސް އިންތިހާބުގެ ނަތީޖާ އިން އެކަން ދައްކުވައި ދީފި އެވެ. މުއިއްޒު ރިޔާސީ އިންތިހާބު ކުރެއްވުމުން ވާދަވެރިންނާއި އިދިކޮޅުން ބުނަމުން ދިޔައީ އެ ކާމިޔާބީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ވިއްކައިގެން ހޯއްދެވި ކާމިޔާބީއެއް ކަމަށެވެ. އެއާ ގުޅުުވައިގެން ޔާމީނަށް ހާއްސަ ކުރި "ހުސް ގޮނޑިއެއް" ގެ ވާހަކަ ވެސް ލައްކަ ބާރަށް ބަޔަކު ދެއްކި އެެވެ.

އެކަމަކު މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދި އެފަދަ އެއްވެސް ތުހުމަތެއް ކުރެވޭނެ ކަމެއް ނެތި އެވެ. އޭގެ މާނަ އަކީ ކާމިޔާބީއެއް ހޯދަން ކޮންމެހެން ވަކި މީހެއްގެ ނުފޫޒެއް ބޭނުން ނުވާކަމެވެ.

ރާއްޖޭގެ ސިޔާސީ މައިދާން މިހާރު ބަދަލުވަމުން ގޮތަށް ބަލާ އިރު، ކުރިއަށް އޮތް ތަނުގައި ޕީއެންސީގެ ނުފޫޒު ވަރަށް ގަދަވާނެ އެވެ. ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީ އަށް މެންބަރުން އިތުރުވަމުން އައި ޖޯޝަށް ބަލާ އިރު އެކަން ސާފެވެ. އަދި އެ ޕާޓީ އަކީ އެ އިންތިހާބަށް ފަހު އެންމެ ބާރަށް މެންބަރުން އިތުރުވަމުން އަންނަ ޕާޓީ އެވެ. އެ މަންޒަރު އަދި ކުރިއަށް އޮތީ އެވެ.

އެމްޑީޕީ އަށް މިހާރު އޮތް ގޮތަކީ "ރަޖާލައިގެން" މަޑުން އޮތުމުގެ ބަދަލުގައި ޕާޓީ އެއްކޮށް "ފުނޑެން" ދޫކޮށް ނުލައި އާ ހިތްވަރާ އެކީ މަސައްކަތް ކުރުމެވެ. އާންމު މެންބަރުން މިހާރު އެ ބުނަމުން އަންނަ ގޮތަށް އެ ޕާޓީ އޮތީ އަލުން ރީސްޓްރަކްޗަ ކުރަން ޖެހިފަ އެވެ.

އެހެން ނޫން ކަމަށްވާ ނަމަ ޕާޓީގެ މެމްބަރުންގެ ދަފުތަރު ވެސް ސޮއްސާލައި، ބަސް ނުވިކޭ ޕާޓީގެ ލިސްޓަށް އެއްކޮށް ވެއްޓިދާނެ އެވެ. އެ ހާލަތަށް އެ ޕާޓީން ޔަގީނުން ވެސް އާންމު މެންބަރުން ބޭނުމެއް ނުވާނެ އެވެ.