Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

ފެނަކައިގެ ކުރީގެ ވެރިންތަކެއްގެ ހިޔާނާތް އޭސީސީ އަށް

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު.

ފެނަކައިގެ ވެރިންނާ ގުޅޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވާ ކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ) ގައި އޭނަ އިއްޔެ ވިދާޅުވީ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ ބޯޑުގެ ހުއްދަ ނެތި 60 މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 25 މަޝްރޫއެއްގައި ކަންކަން ހިންގާފައިވާ ގޯސް ކަމަށާއި އެ މަޝްރޫއުތަކާ ގުޅޭ މައްސަލަތައް އޭސީސީ އަށް ހުށައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ހުށައެޅި މައްސަލަތަކުގެ ތެރޭގައި އެސްޓިމޭޓެެއް ހެދުމަކާއި ނުލައިދި މާކެޓްގައި ތަކެތި ލިބެން ހުރި އަގުތައް ނުބަލައި ފެށި މަޝްރޫއުތައް ހިމެނޭކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ފެށުމުން މާކެޓްގެ އަގަށް ވުރެ 50 ޕަސެންޓް ބޮޑު އަގުގައި ތަކެތި ގަނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ އުސޫލްތަކާ ހިލާފަށް މަޝްރޫއުތައް ފަށާފައި ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުންނާއި މަަސައްކަތް ނިމޭނެ އަގަކާއި ނިންމާނެ ދުވަހެއް ވެސް ކަނޑަނާޅައި ކަމަށްވާތީ ބޮޑެތި ހަރަދުތަކެއް ކުންފުނިން ކުރަން ޖެހިފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވި ގޮތުގައި އޭސީސީއަ އަށް މައްސަލަތައް ހުށަހެޅީ އެ މުއާމަލާތްތައް ހިންގި ވެރިންނަށް އަބަދު ދެވޭ ވަރުގެ ހެކިތަކާ އެކީގަ އެވެ. ހުށަހެޅި މައްސަލަތަކުގައި ފެނަކައިގެ އެކި ފެންވަރު ވެރިން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ކުރީގެ އެމްޑީ މުހައްމަދު ސައީދާ ގުޅޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.