Last Updated: May 5, 21:32
Sunday, May 5, 2024
މުނިފޫހިފިލުވުން

ސަނީގެ ފިލްމު ކުޅޭކަން ޕްރިތީ ކަށަވަރުކޮށް ދީފި

ސަނީ ޑިއޯލް މިހާރު ކުޅެމުން އަންނަ ފިލްމު "ލާހޯރް 1947" ގައި ހިއްސާވާކަން ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ ކަށަވަރުކޮށް ދީފި އެެވެ.

އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމު މިދިޔަ އަހަރު އިއުލާންކުރި ފަހުން، މީގެ ބަތަލާ އަކީ ޕްރިތީ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވެމުން އައިސްފައިވެ އެވެ. އެކަމަކު ޕްރިތީ އިއްޔެ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކަކާ އެކީ އޭނަ "ލާހޯރް 1947" ކުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ދިން ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ މި ފިލްމުގެ ކާސްޓްގައި ޝަބާނާ އާޒްމީ އާއި އަލީ ފަޒަލްގެ އިތުރުން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނެ އެވެ. އަދި "ލާހޯރް 1947" ގެ ހާއްސަ ފެނިލުމެއްގައި ޕްރޮޑިއުސަރު އާމިރު ވެސް ހިމެނެ އެވެ.

މިހާރު އުމުރުން 49 ގެ އަހަރުގެ ޕްރިތީ އެންމެ ފަހުން ފެނިފައި ވަނީ ވެސް ސަނީގެ ފިލްމަކުންނެވެ. އެއީ ރިލީޒް ނުކުރެވި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް 2018 ގައި ގެނެސްދިން "ބެއްޔާޖީ ސުޕަހިޓް" އެވެ. ސަނީއާ އެކީ ޕްރިތީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ފަރުޒް"، "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އަދި "ހީރޯސް" ހިމެނެ އެވެ.

ޕްރިތީ އަކީ 2000 ގެ ކުރީކޮޅު ވަރަށް ކާމިޔާބު ފިލްމުތަކަކުން ފެނިފައިވާ ބަތަލާއެކެވެ. ޝާހްރުކް ޚާންގެ 1998 ގެ "ދިލް ސޭ" އިން އެކްޓިން އަށް ނުކުތް ބަތަލާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ހަރު ދިލް ޖޯ ޕިޔާރު ކަރޭގާ"، "ސަލާމް ނަމަސްތޭ"، "ވީރު-ޒާރާ"، "ކިޔާ ކެހެނާ"، "ކަބީ އަލްވިދާ ނާ ކެހެނާ"، "ކަލް ހޯ ނަ ހޯ"، "ކޮއި…މިލް ގަޔާ" އަދި "ދިލް ޗާތާ ހޭ" ހިމެނެ އެވެ.

އެމެރިކާގެ މީހަކާ ކައިވެނިކޮށްގެން ޕްރިތީ އާންމުކޮށް މިހާރު ދިރިއުޅެނީ އެމެރިކާގަ އެވެ. ސަރޮގޭޓްކޮށްގެން އޭނަގެ މިހާރު އެއްމާބަނޑު ދެ ކުދިން ވެސް ތިބެ އެވެ.