Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

އަމިއްލަ 6 ކެންޑިޑޭޓަކު ޕީއެންސީ އަށް

ފޮޓޯ: ޕީއެންސީ

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި 6 ކެންޑިޑޭޓަކު ސަރުކާރު ޕާޓީ ޕީއެންސީއަށް ސޮއިކޮށްފިއެވެ.

ޕީއެންސީން މައުލޫމާތު ދީފައިވާގޮތުގައި އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް އަބްދުލް އަޒީޒެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން މޭ 28 ގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭނެއެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.