Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

ހެޔޮއެދޭ ފަރާތްތަކަށް އަސްލަމްގެ ޝުކުރު

ރައްޔިތުންގެ މަޖިލީހުގައި ފާއިތުވި ހަތަރު ދައުރުގެ ތެރޭގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާތީ ހެޔޮއެދޭ ފަރާތްތަކަށް މިި ފަހަރުގެ އިންތިހާބު ނާކާމިޔާބުވެވަޑައިގަތް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ޝުކުރު އަދާކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަސްލަމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު ދައުރުގައި މަޖިލީހުގެ ގޮނޑި، ކާމިޔާބުކޮށް ދޭން ދުރާއި ގާތުން ތާއީދުކޮށް މަސައްކަތްކޮށް ދިން އެންމެނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"‏ހަމަ އެފަދައިން މި ފަހަރުގެ ކެމްޕެއިން ޓީމްތަކާއި، ވޯޓް ދެއްވި އެންމެހާ ބޭފުޅުންނާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް، އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން.،" އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު ވިދާޅުވި އެވެެ. "އަޅުގަނޑު ގެ އެކުވެރީންނާއި ޢާއިލާ އަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ."

އަސްލަމް ވަނީ މަޖިލީހުގައި 20 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

އާދީއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާިއރާ އަށް އަސްލަމާ އެކީ ޖުމްލަ 7 ކެންޑިޑޭޓަލު ވާދަކުރި އެވެ. އެ ދާއިރާ ކާމިޔާބުކުރެއްވީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ސިނާނެވެ.

މި ފަހަރުގެ އިންތިހާބުގައި އަސްލަމަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތް އިރު، އެމްޑީޕީ އަށް ލިބުނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެންމެ 12 ދާއިރާގެ ގޮނޑީ އެވެ.

މަޖިލީހުގެ މެޖޯރިޓީ ނެގީ 66 ގޮނޑިއާ އެކީ ޕީއެންސީ އެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކާއި ސަރުކާރުގެ ތާއީދާ އެކީޯ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނާ އެކީ ޕީއެންސީ އަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.