Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

މިސްކިތްތައް ބިނާކުރާނެ އާ ޑިޒައިންތަކެއް

މި ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކުރަން ނިންމާފައިވާ މިސްކިތްތައް ހުންނާނެ ގޮތުގެ ޑިޒައިންތަކެއް މިއަދު އާންމުކޮށްފި އެވެ.

މި ޑިޒައިންތައް އާންމުކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސޯޝަލް މީޑިއާގަ އެވެ. މިސްކިތްތައް ހުންނާނެ ގޮތުގެ ފޮޓޯތަކަކާ އެކީ މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގެ ޑިޒައިންތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިސްކިތްތައް ފަރުމާކޮށްފައި ވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ސޯލާ ހަރުކުރެވޭ ގޮތަށް އަދި އޭސީ ވެސް ކޮށްފައި ހުންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ދެން ބިނާކުރާ މިސްކިތްތައް ވާނީ 300 އާއި 500 ގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތްތަކަކަށް ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.


މި ސަރުކާރުން ބިނާކުރާ މިސްކިތްތަތައް ހުންނާނެ ގޮތުގެ ޑިޒައިން ދައްކައިލި އިރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެފައިވާ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ރައީސް ދެއްވާފައިވާ ލަފަ އާއި ހިޔާލުތަކުގެ މައްޗަށް ޑިޒައިންކޮށްގެންނެވެ.

ސަރުކާރުން ބިނާކުރާ މިސްކިތްތަކުގެ މަސައްކަތްތައް މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް އެބަދެ އެވެ.

މިހާރުގެ މިނިސްޓަރު ވިދާޅުވެފައި ވަނީ އާ ޑިޒައިންތަކަށް އިމާރާތްކުރާ މިސްކިތްތަކުގެ މަސައްކަތްތައް ޖޫންގައި ފެށޭނެ ކަމަށެވެ. އެގޮތުން އައްޑު އާއި އަލިފުށީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި އާ ޑިޒައިންތަކަށް މިސްކިތް ބިނާކުރަން ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އަމިއްލަ ފަރާތްތަކުން މިހާތަނަށް ގިނަ މިސްކިތްތަކެއް ބިނާކޮށްފައިވާ އިރު، އެފަދަ ގިނަ މަޝްރޫއުތަް އަބަދު ވެސް ކުރިއަށް ދެ އެވެ.