Last Updated: May 4, 11:48
Saturday, May 4, 2024
މުނިފޫހިފިލުވުން

ރަވީނާގެ ދަރިފުޅާއި އަރްބާޒްގެ ދަރިފުޅު ހިތާވެގެން!

ބަތަލާ ރަވީނާ ޓަންޑަންންގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަރްބާޒް ޚާންގެ ދަރިފުޅު އަރުހާން ޚާން ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ދެ މީހުން މި ފަހަކަށް އައިސް މުމްބާއީން އެކިއެކި ދިމާދިމާލުން ވަރަށް ގިނައިން އެކީގައި ފެނެ އެވެ. އަދި ދެ މީހުން އުޅޭ ގޮތުން އެކުވެރި ކަމަކަށް ގާތް އުޅުމެއް އޮންނަ ކަމަށް ގަބޫލުކުރެވޭ ކަމަަށާއި ބައެއް ފަހަރު ޕަޕަރާޒިންނަށް ފިލަން ވެސް އަރުހާން، 21، އާއި ރަޝާ، 19، މަސައްކަތް ކުރާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަރްބާޒާއި ޝޫރާ ޚާން ކައިވެނިކުރި ހަފުލާގައި ވެސް ރަވީނާ އާއި ދަރިފުޅު ބައިވެރިވި އެވެ. އަދި އަރްބާޒްގެ ދެމަފިރިންނާއި އަރުހާނާ އެކީ ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. ދާދި ފަހުން ރިލީޒްކުރި ރަވީނާގެ ފިލްމު "ޕަޓްނާ ޝުކްލާ" އަކީ އަރްބާޒް ޕްރޮޑިއުސްކުރި ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ޝޫރާއާ އަރްބާޒް ރައްޓެހިވީ ފިލްމުގެ މަސައްކަތުގެ ތެރޭގަ އެވެ.

އަރްބާޒްގެ ހަމައެކަނި ދަރިފުޅު އަރްހާނަކީ އޭނަ އާއި މިހާރު އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ އަށް ލިބުނު ދަރިއެކެވެ. އަރްހާން މިހާރު އަންނަނީ "ޑަމް ބިރިޔާނީ" ގެ ނަމުގައި ޔޫޓިއުބް ޝޯއެއް ހޯސްޓްކުރަމުންނެވެ.

ރަޝާ އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެއީ "ރޮކް އޯން" އާއި "ކޭދަރުނާތު" އަދި "ޗަންދީގަޅް ކަރޭ އާޝިގީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "ޝަރާބީ" އިންނެވެ. މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ އިރު، މީގެ ބަތަލަކަށް ނަގާފައި ވަނީ އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަނެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ޝަރާބީ" ގެ ކާސްޓްގައި އަޖޭ އާއި ޑަޔާނާ ޕެންޓީގެ އިތުރުން ޓީވީ އެކްޓަރު މޯހިތު މަލިކް ވެސް ހިމެނެ އެވެ.

ރަޝާ އާއި އަރްހާން ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، މިދިޔަ ހަފުތާގައި ފިލްމީ ގިއާންގެ ޕޮޑްކާސްޓް ޝޯއަކަށް ދިން އިންޓަވިއުއެއްގައި ރަވީނާ ބުނީ ދަރިފުޅަށް މިހާރު ދޭން އޮތް އެންމެ މުހިއްމު ނަސޭހަތަކީ ކެރިއަރާއި ކިޔެވުމަށް އިސްކަން ދޭށޭ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރަވީނާ ބޮލީވުޑަށް ނުކުތީ އަރްބާޒްގެ ބޭބެ ސަލްމާން ޚާނާ އެކީ ކުޅުނު 1991 "ޕައްތަރު ކޭ ޕޫލް" އެވެ. ސަލްމާންގެ އާއިލާއާ ރަވީނާއާ އަބަދު ވެސް ވަރަށް ބޮޑު ގާތްކަމެއް އޮވެ އެވެ.