Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކަރަންޓުގެ މައްސަލާގައި މާދަމާ މުޒާހަރާ ކުރަނީ

އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލެއް ނުލިބިގެން އުޅެނިކޮށް ކަރަންޓު ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް މާދަމާ މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށް 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިއްޖެއެވެ.

މާދަމާގެ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ބުނިގޮތުގައި މާދަމާގެ މުޒާހަރާ އޮންނާނީ އާރްއޭފް ސަރަހައްދުގައި ހުންނަ މަރުކަޒީ އިންޖީނުގޭގެ ކުރިމަތީގައި ކަމަށާއި ވީހާ ވެސް ގިނަ ރައްޔިތުން މުޒާހަރާގައި ބައިވެރިވުމަކީ އެދޭ ކަމެއް ކަމުގައެވެ.

"މިއީ ޕީޕީއެމްގެ މެންބަރުންގެ ވެސް މުޒާހަރާއެއް. މި އީ އެމްޑީޕީ އަދި އަދާލަތު ވެސް ބައިވެރިވާ މުޒާހަރާއެއް. ވަކި ސިޔާސީ ފިކުރެއް އޮވެގެން ކުރާ މުޒާހަރާއެއް ނޫން މިއީ " އޭނާ ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ކަރަންޓުގެ ޚިދުމަތަށް ގެނައި ބަދަލާއި ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުން ނުރުހުންފާޅުކުރަމުން ދާއިރު އައްޑޫ ސިޓީގައި ހުރި އިންޖީނުގެތައް ކައުންސިލަށް ނެގުމަށް ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ނިންމާފައެވެ.