Last Updated: May 4, 20:25
Saturday, May 4, 2024
ދުނިޔެ

އެމެރިކާގައި ޓިކްޓޮކް މަނާކުރަން ތަސްދީގުކޮށްފި

ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ޗައިނާގެ ޓިކްޓޮކް މަނާކުރަން އެމެރިކާގެ ކޮންގްރެސް އިން މިދިޔަ އާދީއްތަ ދުވަހު ފާސްކުރި ބިލް ރައީސް ޖޯ ބައިޑެން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް މިހާރު ގާނޫނަކަށްވެފައިވާ އިރު، އޭގައި ބުނެފައި ވަނީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލައިގެން ނޫން ގޮތަކަށް އެ ގައުމުގައި ޓިކްޓިކް ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެކަން ކުރަން ނުވަ މަސް ދުވަހުގެ މުހުތަލެއް ދޭން ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސުން އަމަލުނުކޮށްފި ނަމަ އެމެރިކާގެ ކުންފުނިތައް ކަމަށްވާ ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން، އެމެރިކާގައި ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތަށް ހަދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އެމެރިކާ އިން ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު އަހަރު ފެށިގެންނެވެ. އެގޮތުން 2020 ގެ ތެރޭގައި ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން ޕްރެޝަރުތަކެއް ކުރުމާ ގުޅިގެން އެފަދަ މުއާމަލާތްތަކެއް ބައިޓްޑާންސަށް ހިންގަން މަޖުބޫރު ވެސް ވި އެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް އަރަ އެވެ. އެކަމަކު މި އެޕަކީ ޗައިނާގެ ސަރުކާރަށް ވާގިދޭ އަދި އެ ގައުމުގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެއް ކަމަށާއި އޭގެ ސަބަބުން އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ރިބަޕްލިކަން ޕާޓީ އަށް ނިސްބަތްވާ އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން ތުހުމަތުރައްވަ އެވެ.

އެހެންވެ އެމެރިކާ ސިފަކުރާ ގޮތުގައި ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެވެ. ނަމަވެސް މި ތުހުމަތުތައް އަބަދު ވެސް ޗައިނާ އިން އަންނަނީ ދޮގުކުރަމުންނެވެ.

އެމެރިކާ އިން މިއަދު ޓިކްޓޮކް މަނާކުރާ ބިލް ތަސްދީގު ކުރުމާ ގުޅިގެން ޓިކްޓޮކުން ބުނީ އެ މައްސަލާގައި ކޯޓަށް ދާނެ ކަމަށެވެ. އަދި އެމެރިކާ އިން ކުރާ ތުހުމަތުތަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކޯޓްގައި ސާބިތުކޮށް ދެވޭނެ ކަމަށް ވެސް ބުންޏެވެ.