Last Updated: May 5, 19:21
Sunday, May 5, 2024
ކުޅިވަރު

އެވަޓަން އަތުން ބަލިވެ ލިވަޕޫލްގެ އުއްމީދު ފަނޑުވަނީ

އެވަޓަން އަތުން 2-0 އިން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓައް ލިވަޕޫލުން ކުރަމުން އަންނަ އުއްމީދު ފަނޑުވާން ފަށައިފި އެވެ.

ލިވަޕޫލް މިހާރު އޮތީ 34 މެޗުން ލިބުނު 74 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 34 މެޗުން 77 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 32 މެޗުން 73 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީ އަށް ކުރިއަށް ޖެހިލެވޭނެ އެވެ.

ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 27 ވަނަ މިނެޓްގައި އެވަޓަންގެ ޒުވާން ޑިފެންޑަރު ޖެރަޑް ބްރަންތްވެއިޓް އެޓީމަށް ލީޑު ނަގާދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލްގެ ޑާވިން ނުނޭޒް އާއި ލުއިސް ޑިއާޒަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި އެވަޓަންގެ ދެވަނަ ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑޮމިނިކް ކަލްވަޓް ލެވިން އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލިވަޕޫލުން އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެގޮތުން ޑިއާޒް ފޮނުވާލި ބާރު ހަމަލާއެއް ދަނޑި އަށް އަމާޒުވިއިރު، ހާވީ އެލިއޮޓް އަދި މުހައްމަދު ސަލާހު ފޮނުވާލި ހަމަލާތައް ދިފާއުކުރީ ކީޕަރު ޕިކްފޯޑް އެވެ.

މިއީ 2010 ވަނަ އަހަރަށް ފަހު އެވަޓަަން އަށް އަމިއްލަ ދަނޑުގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.