Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޒަވީ ބާސާގައި މަޑުކުރަން ނިންމައިފި

ބާސެލޯނާގެ ކޯޗުގެ މަގާމު މި ސީޒަނަށް ފަހު ދޫކޮށްލާނެކަން އިއުލާން ކުރި އެޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އެ ކްލަބުގައި މަޑުކުރަން އެންމެފަހުން ނިންމައިފި އެވެ.

މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެކަން ޒަވީ އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ. ނަމަވެސް ބާސާގެ ރައީސް ޔޮއާން ލަޕޯޓާއާ އެކު އިއްޔެ ކުރެވުނު މަޝްވަރާތަކަށް ފަހު އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވަންދެން ޒަވީ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޒަވީ ،44، ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 ގަ އެވެ.

ސްޕެނިޝް ލީގުގެ ދެވަނައިގައި ބާސާ މިވަގުތު އޮތްއިރު، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު މިވަގުތު 11 ޕޮއިންޓުގެ ފަރަގެއް އެބައިނެވެ. ބާސާ ވަނީ މި ސީޒަނުގެ ސްޕެނިޝް ކަޕާއި ޗެމްޕިއަންސް ލީގުން ވެސް ކަޓާފަ އެވެ.

ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ކުޅެ ބާސާ އިން ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.