Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އެތަނުން އާންމުކުރި މިދިޔަ މަހުގެ އިމްޕޯޓް/އެކްސްޕޯޓް ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދާ މިދިޔަ އަހަރުގެ މާޗަށް ވުރެ ހަތަރު ޕަސެންޓު އިތުރެވެ. ނަމަވެސް އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރަށް ވުރެ 64 ޕަސެންޓު ދަށެވެ. މިދިޔަ މަހު ބޭރުކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓު ކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގީ ތެލަށެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކޮށްފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް ބަލާ އިރު އެންމެ ގިނަ މުދާ އެތެރެކުރީ އޮމާންއިންނެވެ. އެއީ 777 މިލިއަން ރުފިޔާގެ މުދަލެވެ. މީގެ ތެރޭގައި ދެން ހިމެނެނީ (އިންޑިއާ 763 މިލިއަން ރުފިޔާ)، ޔޫއޭއީ (617 މިލިއަން ރުފިޔާ)، ޗައިނާ (440 މިލިއަން ރުފިޔާ) އަދި ސިންގަޕޫރު (401 މިލިއަން ރުފިޔާ) އެވެ.

މިދިޔަ މަހު ވެސް ރާއްޖޭން އެންމެ ގިނައިން ބޭރުކުރީ މަހުގެ ބާވަތްތަކެވެ. އަދި އެންމެ ގިނައިން މަސްބ ބޭރުކުރީ ތައިލޭންޑެވެ. އެ ގައުމަށް 41 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އެވެ. މީގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސިވިލާތް (27 މިލިއަން ރުފިޔާ)
ޖަރުމަން (12 މިލިއަން ރުފިޔާ)، އިންޑިއާ (7 މިލިއަން ރުފިޔާ) އަދި ފްރާންސް (6 މިލިއަން ރުފިޔާ) އެވެ.

މިދިޔަ މަހު ކަސްޓަމްސްއިން ޑިއުޓީގެ ގޮތުގައި 320 މިލިއަން ރުފިޔާ އަދި ރޯޔަލްޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.