Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ކުރީގެ މެންބަރުންގެ އިނާޔަތް އުވާލަން ވަކާލާތު ކުރާނަން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް، އުމުރު ދުވަހަށް ދޭ އިނާޔަތްތައް ކަނޑާލަން މަަސައްކަތް ކުރައްވާނެ ކަމަށް، ބާރަށު ދާއިރާގެ ގޮނޑި އަލުން ކާމިޔާބު ކުރެއްވި މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތް ކަނޑާލައު ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަކުރަން ގިނަ ބަޔަކު މިހާރު ސޯޝަލް މީޑިއާގައި ވެސް ގޮވާލަމުން އަންނަ އިރު، މިހާރު މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާ ތަމްސީލު ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަށް އޭނަގެ ފުރިހަމަ ތާޢީދު ލިބޭނެ ކަމަށެވެ.

އަދި ތާއީދު ކުރާގޮތް ވާނީ ދާއިރާގެ ރައްޔިތުންނަށް ސާފުކޮށް ދެއްވާފައި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޮޑެތި އިނާޔަތްތަކާއި މަގާމުން ވަކިވުމަށް ފަހު ވެސް ފަނޑިޔާރުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކުގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް ކަނޑާލަން ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ތިން ދާއިރާ ވެސް ހަމަ ހަމަ ކަމާއެކު ވުމަކީ އަޅުގަނޑު ތާޢީދު ކުރިގޮތް.އެކަމަށް ވަކާލާތު ވެސް ކުރާނޭވެސް ގޮތް. މި ތިން މަޤާމު އަދާކުރި ފަރާތަކުގެ ތެރެއިން ވަކި މަޤާމެއް ތަފާތު ކުރުމަކީ އިންސާފެއް ނޫން،" ޝުޖާއު ވިދާޅުވި އެވެ. "މިކަމަށް ހެޔޮ ނިޔަތުގައި ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކުން މި ތިން މަޤާމު އަދާކޮށްފައިވާ ފަރާތްތަކަން ލިބޭ އިނާޔަތްތައް އުނި ކުރުމަށް އަޑު އުފުލުމަކީ އެކަމުގެ ހެޔޮ ނިޔަތް އޮތްކަން ހާމަވާނޭ ކަމެއްކަމުގައި އަޅުގަނޑު ދެކެން."

މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދޭން ގާނޫނުން ލާޒިމް ކުރެ އެވެ. އެގޮތުން
އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިވެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.

މެމްބަރުންނަށް އެ އިނާޔަތް ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުގަ އެވެ. މީގެ އިތުރުން މަޖިލިސް މެމްބަރުންނަށް ދެވޭ ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް ކުރީގެ މެމްބަރުންނަށް އޮވެ އެވެ.

އަންނަ މަހުގެ 28 ގައި 20 ވަނަ މަޖިލިސް ހުވާކުރާ އިރު، އެ މަޖިލީހުގައި 93 މެންބަރުން ހިމެނޭނެ އެވެ.